ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުމަށް މަޖިލިހުގެ ޖަލްސާއެއް މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކި ކުރަން ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށް އެ މައްސަލަ އަށް ވަރަށް ދިގުކޮށް ޖަވާބުދާރީވެވަޑައިގަތުމަށް ފަހުގަ އެވެ.
އެއާއެކު، އެމްޑީޕީގެ މެމްބަރު ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ މަޖިލިހަށް ކަމެއް ހުށަހެޅިއްޖެ ނަމަ، އެކަމާ މެދުގައި ގޮތެއް ނިންމަން ޖެހޭނީ މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަކަށް ގޮސްގެން ކަމަށާއި އީވާ އިސްތިއުފާ ދެއްވާ ހިސާބުން އެ މައްސަލަ ކުރިއަށް ނުގެންގޮސް ނިންމާލަން ނުޖެހޭ ކަމަށެވެ.
އެކަމަކު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަސްލަމް ވިދާޅުވީ މެމްބަރުން ފާހަގަ ކުރައްވާ މާއްދާއެއް މަޖިލިހުގެ ގަވައިދުގައި ނެތް ކަމަށެވެ. އަދި މަޖިލިހުގެ ގަވައިދުގައި އެފަދަ މާއްދާއެއް އޮތް ނަމަ، އެ މާއްދާއެއް ރިޔާސަތުގެ ސަމާލުކަމަށް ގެންނެވުމަށް އެދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މަޖިލިހުގެ ގަވައިދު ބަޔާންކުރާ ގޮތުން އިސްތިއުފާގެ ސިޓީއެއް މަޖިލިހުގެ ރައީސަށް ލިބުމުން އެ އިސްތިއުފާ ދެވުނީ. އިސްތިއުފާ ދިނުމަށް ފަހު ދެން އެ އިސްތިއުފާ އާ ގުޅޭ މައްސަލައެއް ކުރިއަށް ގެންދެވިދާނެ ކަމަކަށް ފެންނަން ނެތް ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމުގެ ގަރާރު މަޖިލިހަށް ހުށަހެޅީ އެމްޑީޕީގެ 49 މެމްބަރަކާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮޔާއެކުގަ އެވެ.