ރާއްޖޭގެ ހަތަރު ސިޓީން ދިވެހި ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ހިދުމަތްތައްވެސް ބައްޓަންކޮށް، މިއަދުން ފެށިގެން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ ހަތަރު ސިޓީއިން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަޙީދު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމްކުރެވިފައިވާ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވެގެންދާނެކަމަށް އިމިގްރޭޝަނުން ހާމަކުރެ އެވެ.

އިމިގްރޭޝަން ރީޖަނަލް އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓް ފޮނުވަމުން ދިޔައީ ހަފްތާއަކު ދެ ދުވަހު އެވެ.

ނަމަވެސް މި ބަދަލާއެކު ދެން ކޮންމެ ހަފްތާއަކު ހަތަރު ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓް ފޮނުވޭނެ އެވެ. މީގެއިތުރުން ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފްތާއަކު 1 ދުވަހު އެވެ. މި ބަދަލާއެކު، މިއިން ކޮންމެ އޮފީހަކަށްވެސް ހަފްތާއަކު 2 ދުވަހު ޕާސްޕޯޓް ފޮނުވާނެ އެވެ.

ދިވެހި ޕާސްޕޯޓަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން، ފުޅާދާއިރާއެއްގައި ފޯރުކޮށްދެވެން ޖެހޭ ހިދުމަތްތަކަށްވާއިރު، އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ހިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށްވެސް ފުޅާކުރުން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މިދިޔަ މަހު އިމިގްރޭޝަނުން ވަނީ ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ. އަދި މިދިޔަ ހަފުތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އީ-ގޭޓްގެ ހިދުމަތް ވެސް އަލުން ވަނީ ފަށައިފަ އެވެ.