ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިންތިހާބުވެއްޖެ އެވެ.

މިރޭ ނެގި ވޯޓުގައި ސަލީމަށް ލިބިވަޑައިގަތީ 51 ވޯޓެވެ. އޭނައާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން އެންޑޯޒް ކުރީ ސައްލަގެ ނަމެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އެންޑޯޒް ކުރަން ފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ވޯޓު ދެއްވި ޖުމްލަ މެމްބަރުންގެ އަދަދަކީ 55 އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.