ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިތުރު ބޭފުޅަކު މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިނުވާތީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ޓިކެޓް ދިނުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، މާލޭގެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން މެންބަރުންގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުވާލީ ނޮވެންބަރު 30 އިން ފެށިގެން މިއަދުގެ 15:00ގެ ނިޔަލަށެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ ވަގުތު ހަމަވިއިރު މޭޔަރުކަމުގެ މަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ އާޒިމާ އެކަނިކަމަށެވެ.
ކުރީ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެ ކަމަށެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރައީސް މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއެވެ. އާޒިމަށް ޓިކެޓް ލިބިފައިވަނީވެސް ޕްރައިމަރީއަކާ ނުލަ އެވެ.
އެ މަގާމަށް މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.