އެކި މިނިސްޓްރީތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ހުރި ފުށެއެރުންތަކުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ބެލުމުގެ މަސައްކަތް މިހާރު ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ ތިބި އަދަދު ސާފުނުވާކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކަށް ބެލިއިރު، އެކި ލިޔުންތަކުން ފެންނަނީ އެކި އަދަދުތައް ކަމަށެވެ. އެގޮތުން ބައެއް ލިޔެކިޔުންތަކުން 77 ސިފައިން ތިބިކަމަށް ފެންނައިރު، އެހެން ލިޔުންތަކުން 89 އެއްހައި ސިފައިން ތިބިކަމަށް ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ލިބުނު ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި, 77 އިން 89 އަށް އެބަދޭ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ އިތުރު ވެސް ވެދާނެ," އިންޑިއާ ސިފައިންގެ އަދަދާ މެދުގައި ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު އެއް ދުވަސް ފަހުން އެމަނިކުފާނުގެ ރަސްމީ އޮފީހުން ހާމަކުރީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ.

އެއަށްފަހު އެމަނިކުފާނު މިފަހުން ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިން އެ ސުވާލު އަމާޒުކުރުމުން ވިދާޅުވީ ފަހުން ބައްލަވާލެއްވުމަށް ފަހު އަދަދެއް ވިދާޅުވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސީދާ އަދަދެއް ހާމައެއް ނުކުރައްވަ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ދިވެހި ރައްޔިތުންގެ ނިންމުމެއް ކަމުގައި އިންޑިއާގެ އިސްވެރިން އަރިހުގައި ވިދާޅުވެފައިވާ ކަމަށާއި، އެ ނިންމުމަށް އިހުތިރާމުކުރާނެ ކަމުގައި އިންޑިއާ އިން ބުނެފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އެ ވައުދާ އެގޮތަށް އަމަލުކުރާތަން ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.