ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުމުން އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހުން ފާޅުކުރީ އެންމެ ދިހަ މީހުން ކަމަށާއި ފްލެޓް ދިނުން އޭސީސީއަށް ނުހުއްޓުވާނެ ކަމަށް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވީ ފްލެޓް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަން މިނިސްޓްރީއަށް ގޮސްފައިވަނީ 10 ވަރަކަށް މީހުން ކަމަށާއި އެތަނުގައި ދެން ތިބީ މީޑިއާގެ މީހުން ކަމަށެވެ.

"މި 4،000 ފްލެޓަށް ނާރާ މީހުން ވަރަށް ހިތްހަމަނުޖެހިގެން އައިސް މިނިސްޓްރީގައި ހަޅޭއްލަވާ ހެދި، މި ދެންނެވީ ނުރުހުން ފާޅުކުރި. ނުރުހުން ފާޅުކުރުމުން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް، ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ." އަކްރަމް ވިދާޅުވި އެވެ.

މިކޮމެޓީގައި އަކްރަމް އިތުރަށް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓް ނެރުމާއެކު އާންމުންގެ ޝަކުވާތަކެއް ހުރުމުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފަހުން އޭސީސީ އިން ވެސް އެގޮތަށް އެދުނު ކަމަށެވެ. ފްލެޓް ހަވާލުކުރަން ގުރުއަތުލީ ރައީސް ސޯލިހާއި އޭސީސީ އިން އެދުނު ގޮތަށް ޝަކުވާތައް ބެލުމަށްފަހު ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 7000 މައްސަލަ [ޝަކުވާގެ ގޮތުގައި ހުށަހެޅުނު] ގިނައިން ހުރީ އެއް މައްސަލައެއް. ތިމަންނަ މިހާ މުއްދަތުގައި އުޅުނީމޭ." އަކްރަމް ވިދާޅުވި އެވެ.

ޝަކުވާތައް ބަލައި ނިންމާ ފައިނަލް ލިސްޓު އާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ، ވެރިކަން ނިމެން ދެ ދުވަހަށް ވަނިކޮށް ނޮވެމްބަރު 15 ގަ އެވެ. އަކްރަމް ވިދާޅުވީ އެ ދުވަހު މަސައްކަތް ނިންމާލުމާ ހަމައަށް ވެސް އޭސީސީގެ ނައިބު ރައީސް، އަބްދުއްސަލާމްއާ ފްލެޓު ކޮމިޓިގެ މެމްބަރުން މުއާމަލާތް ކުރަމުން ދިޔަ ކަމަށެވެ.

"އޭސީސީން ހުއްޓާލަން އަންގައިގެން އަޅުގަނޑުމެން ނުހުއްޓައެއް ނުހުންނާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުއްޓާލަން އޭސީސީ އަށް ނުވެސް އެންގޭނެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް އެބަ އޮވެއޭ ނުހުއްޓުވޭނެ ކަމަށް، އެކަމަކު މައްސަލަ ބެލިދާނެއޭ." އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވަނީ ސިޓީ ލިބުނު ހިސާބުން ހުރިހާ ކަމެއް ހުއްޓާލާފައިވާ ކަމަށް ބުނެ ކޮމިޓީގައި ދިފާއުވެވަޑައިގެންފަ އެވެ. އަދި އޭސީސީގެ ސިޓީގައި އޭގެ ކުރީ ދުވަހުގެ ތާރީހު އޮތް ނަމަވެސް ސިޓީ ލިބުނީ މިދިޔަ މަހުގެ 16 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ދީފައިވާ ގިނަ ފްލެޓްތައް ހަވާލު ކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުވެސް ނިމުނު ފަހުންނެވެ. އެހެންނަމަވެސް އަލަށް އިންތިހާބުވި ސަރުކާރުން އޭރުވަނީ އިންތިގާލީ މަރުހަލާގައި ފްލެޓްތައް ނުދިނުމަށް އޭރުގެ ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.