ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އަބްދުﷲ ޔާމީނާއި ދެމެދުގައި ޖެހުނީ ކޮން މައްސަލައެއް ކަން ނޭނގުނު ކަމަށް ވިޔަސް މައްސަލަތަކެއް ޖެހިއްޖެ ކަން އެނގެ އެވެ. ރައީސް ޔާމީން އިސްވެ އުފެއްދެވި ޕީޕީއެމް ދޫކޮށްލައްވައި ސިޔާސީ އާޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި ހިސާބުން ދޫދޫ މަތިން ދެކެވެމުން އައި ވާހަކަ މިއޮތީ ހާމަވެ، ފެންމަތިވެފަ އެވެ. މިހާރުގެ ބޮޑު ސުވާލާކީ އެއްބޭފުޅުންގެ ސަޕޯޓަރުން އަނެއް ބޭފުޅަކާ ދިމާޔަށް އިނގިލި ދިއްކުރައްވައި ދޯކާ ދިނީ އޭ ބުނަމުންދާއިރު ހަގީގީ ދޯކާ ދިނީ ކާކު ކާކަށް ހެއްޔެވެ؟

ޑރ. މުއިއްޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ހައުސިން މިނިސްޓަރެވެ. އެ ފަސް އަހަރު ހިންގި ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގެވުމުގައި އަމަލީ މަސައްކަތުގައި އުޅުއްވީ ހައުސިން މިނިސްޓަރެއްގެ ހައިސިއްޔަތުން ޑރ. މުއިއްޒެވެ. އެހެން ނަމަވެސް އޭރު އެއީ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ބޭފުޅެއް ވެސް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ވެރިކަން ކުރާ ޕީޕީއެމް މަގުމަތިވެ ދެން އައީ މަގުމަތީގައި އިންޑިޔާ އައުޓު ގޮވުމުގެ ފަސް އަހަރެވެ. ވަރުބަލިކަމެއް ނެތި ހިންގި އެ ހަރަކާތުގައި ވެސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި ޑރ. މުއިއްޒު ހުންނެވި ތަން ފެނުނެވެ. އެ ހަރަކާތުގެ ތެރެއިން ކުރި ކެމްޕޭނުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް މުއިއްޒަށް ވަޑައިގެންނެވޭ ގޮތް ވުމާއެކު މުއިއްޒު ވެގެން ދިޔައީ ޕާޓީ ތެރޭގައި ނުފޫޒު ގަދަ ބޭފުޅަކަށެވެ.

ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވޭ ގޮތް ނުވުމާއެކު ޕީޕީއެމް-ޕީއެންސީ ގެ ތެރޭގައި ހަމަޖެހިގެންދިޔަ އުސޫލެއްގެ ތެރެއިން ޑރ. މުއިއްޒަށް ޕީޕީއެމް- ޕީއެންސީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރާއްޖޭގެ ރައީސް ކަމަށް މިހާރު ވަނީ ވަޑައިގެންނެވިފަ އެވެ.

ރިޔާސީ ޓިކެޓް ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވުމާ އެކު ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް އެމަގާމަށް ވަޑައިގެންނެވުނީ ކިހިނެއްކަން ހަނދާން ނުނެތޭނެ ކަމަށެވެ. ރައީސް ޔާމީން ޖަހާފައި ހުރި ހުސް ފިޔާތޮށި ގޮނޑިއަށް އިޝާރަތް ކުރައްވައި އެގޮނޑީގެ ހައްގު ވެރިފަރާތަށް އޮތް އިހުތިރާމް އަދާކުރެއްވި އެވެ.

ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވުމަށް ފަހު ޕާޓީގެ ތެރޭގައި މިވަނީ މައްސަލަތަކެއް ޖެހި ރައީސް ޔާމީނަށް ޕާޓީ ދޫކޮށްލައްވަން މަޖުބޫރު ވެވަޑައިގެންފަ އެވެ. އެއާއެކު ޕީޕީއެމްގެ އިސް ވެރިންގެ ތެރެއިން ސަރުކާރުގެ އިސް މަގާމުތައް ލިބިވަޑައިގެންނެވި ބޭފުޅުން ރައީސް ޔާމީން ދޫކުރައްވައި މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބަވާނެ ކަމަށް ވަނީ ވިދާޅުވާން ފަށައިފަ އެވެ.

ރައީސް ޔާމީން ޕާޓީ އިން ވަކިވެވަޑައިގެންނެވުމުގެ ކުރިން ޕާޓީގެ ކަންތައްތަކުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްވެ ހަރަކާތްތެރިވާނެ ޓީމެއް ނެންގެވި އެވެ. އެ ޓީމު ނެންގެވުމާއެކު، އެއީ ގަވާއިދާ ޚިލާފު ޓީމެއް ކަމަށް ބުނެ ޕީޕީއެމް އިން ވަނީ އެ ކޮމިޓީގެ އިސް ބައެއް ބޭފުޅުން ޕާޓީ އިން ވަކިކޮށްފަ އެވެ. އެއާއެކު ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ފެށްޓެވި ހިސާބުން އެއް ބަޔަކު އަނެއް ބަޔަކަށް ދޯކާ ދީފި ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރި ވަނީ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ޔާމީންގެ ފަރާތްޕުޅުން ދެއްކެވި ވާހަކައެއް މިހާތަނަށް ދެއްކެވީ ވެސް ޖަމީލެވެ. ޕާޓީގެ ތެރޭގައި ޖެހުނު މައްސަލައާ ބެހޭ ގޮތުން ޑރ. މުއިއްޒުގެ ފަރާތުން އެންމެ ގިނައިން ވާހަކަފުޅު ދައްކަވަނީ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ޖެހުނު މައްސަލައަކީ މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމުގެ އުފާ ފާހަގަކުރުމުގެ ހަފުލާ ބޭއްވުން ފަސްކޮށް ދިނުމަށް ރައީސް ޔާމީން އެދި ވަޑައިގެންނެވި އެދިވަޑައިގެންނެވުމަށް ބަލައިނުލައި އެ ހަފުލާ ބޭއްވުމެވެ.

ރައީސް ޔާމީނަށް އަންގާލުމެއް ވެސް ނެތި ހަފުލާ ބާއްވަމުން ދަނިކޮށް ރައީސް ޔާމީން ޑރ. މުއިއްޒަށް ގުޅުއްވި ކަމަށްވެ އެވެ. ޑރ. މުއިއްޒު އެ ކޯލަށް ޖަވާބު ނުދެއްވުމުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަށް ވެސް ޔާމީން ގުޅުއްވި އެވެ. އެހެން ނަމަވެސް ނައިބު ރައީސް ވެސް ފޯނަކަށް ޖަވާބެއް ނުދެއްވި އެވެ. އަބްދުއްރަހީމުގެ ބަހުންނަމަ ޔާމީން އެވަގުތު ކޯފާވެފައި ހުންނަވާނެކަން އެނގޭތީ އެކަމާ ފަހުން ޑީލްކުރުމަށް އެ ވަގުތަށް ފޯނު ކޯލުތަކަށް ޖަވާބު ނުދެއްވީ އެވެ.

ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގެ ވާހަކަ މީޑިއާއަށް އިއުލާންކުރުމަށް ފަހު ތިލަވެގެން އައި ވާހަކަތަކުގެ ތެރެއިން ޑރ. ޖަމީލް ވިދާޅުވި ގޮތުގައި މުއިއްޒަށް ޔާމީން ކުރެއްވި ފޯނު ކޯލަށް ޖަވާބު ނުދެއްވުމުން "ޕްލީޒް ކޯލްމީ" ލިއުއްވާފައި ޑރ. މުއިއްޒަށް ރައީސް ރައީސް ޔާމީން ކުރެއްވި މެސެޖަށް ވެސް ޖަވާބެއް ނުދެއް ވައެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވަކިވެ ވަޑައިގެންނެވި ކަމަށް ވިޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި ރައްޔިތުން ތިބީ ޕީއެންސީ އާއެކު ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ގައުމު އިސްކުރާ ހުރިހާ ލީޑަރުންނާ އެކު ވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނެ އެވެ.

"އަޅުގަނޑު ބޭނުން ވަނީ އެކަތިގަނޑަކަށްވެގެން ރިވެތި އުސޫލުގައި ވާހަކަ ދެކެވިގެން ކުރިޔަށް ދާ ބަޔަކަށް ބަޔަކަށްވާން،" ރައީސް ޔާމީންގެ ނަންފުޅު ނުގެނެސް އާންމު ގޮތެއްގައި ހުރިހާ ސިޔާސީ ލީޑަރުންނަށް ނިސްބަތް ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު

މަޝްވަރާ ކޮށްގެން ރިވެތި އުސޫލުން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި ރައީސް ޑރ. މުއިއްޒަށް ޔާމީން ކުރެއްވި ފޯނު ކޯލަކަށް ޖަވާބެއް ނުދެއްވަ އެވެ. ފޮނުއްވި މެސެޖަކަށް އަޅައެއް ނުލައްވަ އެވެ. ރައީސް ޔާމީންގެ ފޮޓޯފުޅާއި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕާޓީގެ ފައިސާ ބޭނުންކުރައްވައިގެން ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީންގެ ފޯނު ކޯލަކަށް ޑރ. މުއިއްޒު ޖަވާބެއް ނުދެއްވައި، ގުޅޭނެ އެއްވެސް މަގެއް ނުދެކެވުމުން ރައީސް ޔާމީން އެމަނިކުފާނުގެ ޕާޓީ ހިންގެވުމުގައި ސަރުކާރާ ނުބެހި މަސައްކަތް ކުރައްވަން ނިންމެވުމުން އެއީ ގާނޫނާ ޚިލާފުކަމެއް ކަމަށް ބުނެ އެކަމާ ހަވާލުކުރެވުނު މީހުން ވަނީ ޕާޓީ އިން ވަކިކޮށްފަ އެވެ. އެ ހިސާބުން ޕާޓީ އިން ވަކިވެވަޑައިގަތުން ފިޔަވައި އެހެން މަގެއް ރައީސް ޔާމީނަށް އޮތް ކަމަކަށް ނުވި އެވެ. އެމަނިކުފާނު މިހާރު ވަނީ ޕާޓީ އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ރިޔާސީ ޓިކެޓް ލިބުނު ޖަލްސާގައި ދެއްކެވި މަޑުމޮޅިކަމާއި ރައީސް ޔާމީނަށް އޮންނާނެ ކަމަށް ވިދާޅުވި އިހުތިރާމް، ވެރިކަމަށް ހޮވި ވަޑައިގެންނެވުމާ އެކު ހަނދުމަފުޅު ނެތި ހުރިހާ ގުޅުމެއް ކަނޑާލެއްވުމުން ރައީސް ޔާމީން ޕާޓީ ދޫކޮށްލައްވައި ވަކި ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތުގައި އެކަކު އަނެކަކަށް ދޯކާ ދިންކަމުގައި ވާހަކަ ދެކެވޭނަމަ ހަގީގަތުގައި ދޯކާ ދިނީ މިހާރު އާރާބާރުގައި ހުންނެވި ރައީސް ޑރ. މުއިއްޒު ނޫން ދެވަނަ މީހަކަށް ނުވާނެ އެވެ.