ސިއްހަތަށް ކުރިމަތިވާ މައްސަލައަކާ ގުޅިގެން ނުވަތަ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ގިނަ ފަހަރަށް އެންމެ ފުރަތަމަ ބަލާ އެއް ކަމަކީ ބަލިމީހާގެ ލޭގެ ޕްރެޝަރެވެ. މިކަން ބަލަމުންދާއިރު އަހަރެންގެ ޕްރެޝަރު މަތިވެފައިހުރީ ކީއްވެގެންތޯ ސުވާލުކޮށްލުމަކީ ނުކުރާންވީ ކަމެއް ނޫނެވެ. އެހެނީ މިއީ ބަލި މީހެއްގެ ހައިސިއްޔަތުން ފަރުވާ ހޯދަން ގޮސް ޑޮކްޓަރަށް ދައްކާއިރު ކުރުން މުހިންމު އަސާސީ ސުވާލެއް ކަމުގައި ވީތީ އެވެ. ޕްރެޝަރު މަތިވުމުގެ މައިގަނޑު ސަބަބު ތެރޭގައި ހިމެނެނީ ކައިބޮއެ އުޅޭގޮތާއި ކައިބޮއެ އުޅޭ ތަކެތިން ނިއުޓްރިޝަން (ތިރީގައި ލިސްޓް ކުރެވިފައިވާ) ލިބޭ މިންވަރާއި އަދި ދިރިއުޅުމުގެ އެހެނިހެން ވައްޓަފާޅި އެވެ. ނިއުޓްރިއެންޓްސްގެ ތެރޭގައި ހިމެނޭ މައިގަނޑު މާއްދާތަކަކީ މިމާއްދާތައް ހެޔޮ މިންގަނޑެއްގައި ހިމެނޭ ކެއުން ކެވޭތޯބަލާ އެކަމަށް މަސައްކަތް ކުރަންޖެހެ އެވެ.
- ކާބޯހައިޑްރޭޓްސް
- ޕްރޮޓިން
- ފެޓްސް
- ވިޓަމިންސް
- މިނެރަލްސް
- ފެން
- ފައިބަރު
ކުރިން މި މައުލޫމާތު ނެތްކަމުގައި ވިޔަސް މިމައްސަލަ ކުރިމަތިވުމުން މިކަންދިމާވާ ސަބަބުތަކާއި ހަށިގަނޑުގައިވާ ލޭގެ ދައުރުގެ މައުލޫމާތު ހޯދާލުމަކީ ކުރުން މުހިންމު ކަމެކެވެ. އަހަރުމުންގެ ހަށިގަނޑުގެ ތެރޭގައި މިހިނގާ ލޭ މިއީ ކޮން ކަމެއްކުރާ ކީއްކުރާ އެއްޗެއްކަން އެނގުން މުހިންމެވެ. ހަށިގަނޑުގެ ވަކި ނިޒާމެއްގެ ތެރެއިން ލެއަކީ ބާރު ސްޕީޑެއްގައި ދައުރުވާ އެއްޗެކެވެ. މިކަމުގެ މާހިރުން ބުނާގޮތުގައި މިއީ ސުޕަ ހައިވޭއެކެވެ. ކުރާ މަސައްކަތަކީ ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަނާއި ނިއުޓްރިއެންޓްސް، ހޯމޯންސް، އިމިއުން ސެލްސް ވޭސްޓާއި ހަށިގަނޑުގެ ޕީއެޗް ހަމައިގައި ބެލެހެއްޓުމެވެ.
ހަށިގަނޑުން ވޭސްޓް ބޭރުކުރުމާއި ޕީއެޗް ބެލެންސް ކުރުމުގައި ލޭގެ ދައުރު ވަރަށް ބޮޑެވެ. އަދި މިއީ ވަރަށް ތަފުސީލުކޮށް ލިޔެވިދާނެ ބޮޑު ދައުރެކެވެ. ކުރު ގޮތަކަށް ބުނާނަމަ ހަށިގަނޑުގެ ސެލްތަކުގެ އެކި ހަރަކާތްތަކުން އުފެދޭ، ކުނިބުނި މެނޭޖް ކުރުމުގައި ލޭ ބޮޑުދައުރެއް އަދާކުރާއިރު ހަށިގަނޑުގެ ޕީއެޗް ހަށިގަނޑަށް ބޭނުންވާ އެންމެ ފުރިހަމަ ރޭންޖުގައި ބެހެއްޓުމަށް ވެސް އެހީތެރިވަނީ ލެ އެވެ. ހަށިގަނޑުގައި ލޭ ދައުރުކުރާއިރު ނޭވާލާ ނިޒާމުންނާއި ހަށިގަނޑުން ބޭރުކުރާ ނިޒާމުން އެއްވަސީލަތާއި އަނެއް ވަސީލަތް ގުޅިގެން ނުވަތަ ކޯޑިނޭޓް ކޮށްގެން ލޭގެ މިމުހިންމު ދައުރައް ބާރުއަޅާދެ އެވެ.
ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތަކު ފިޒިއޮލޮޖީ ނުވަތަ އެރޭންޖްމަންޓާއި ހަރަކާތްތެރިވުމުގައި ދެމިއޮތުން ވެސް ކަށަވަރުކޮށްދެ އެވެ. ވުމާއެކު ލޭގެ ހިނގުން އޮޅުންބޮޅުން ނާރާނެ ހަމައެއްގައި ބެހެއްޓުމަކީ ސިއްހަތުގެ މައިގަނޑު އަސާސްކަމުގައި ބުނުން ގޯހެއް ނޫނެވެ.
ޕްރެޝަރު މަތިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑު ހުންނަންވާ، ބަރުދަނަށް ވުރެ މާ މަތިވުމާއި "ސެޑެންޓަރީ ލައިފްސްޓައިލް" ގެ ގޮތުގައި ބެލެވޭ ހެލިފެލިވުން މަދު، ހިނގާ ބިނގާވެ އުޅުން މަދު، ހަރަކާތްމަދު އަދި ގިނައިން އިށީނދެ ނުވަތަ އޮށޯވެ އޮންނަޒާތުގެ އުޅުމެއްގައި އުޅުމާއި ކަސްރަތު ނުކުރުމާއި ލިބެންވާ މިންވަރަށް އަވި ނުލިބޭ އުޅުމެއްގައި އުޅުމާއި ހިށިގަނޑުގައި މަސުލް މާސް (މަސް) މަދުވުމާއި، ސިނގިރެޓް ބުއިމާއި ގިނައިން ކެފެއިން ބޭނުންކުރުމާއި، ކެއުމުގައި ބެލެންސް ގެއްލޭ ވަރަށް ކާބޯހައިޑްރޭޓްސް ހިމެނޭ ކެއުން ގިނަވުމާއި، ތިމާވެށިންނާއި ކެއުމުން ހަށިގަނޑަށް އިތުރުވާ އެލާޖީސް ގިނަވުމާއި، ސްޓްރެސް މަތިވުން، ނިދުން މަދުވުމާއި، ދިގު މުއްދަތަކަށް ޝިފްޓް ޑިއުޓީގައި ހުންނަ ޒާތުގެ މަސައްކަތުގައި އުޅެން ޖެހުން، ބޭސް ގިނައިން ބޭނުން ކުރަންޖެހުމާއި، ކިޑްނީގެ މައްސަލަ ހުރުން، ތައިރޮއިޑްގެ މައްސަލައެއް ހުރުމާއި، އެޑްރީނަލް މައްސަލައެއް ހުރުމެވެ.
މީގެ އިތުރުން ހަށިގަނޑުގައި ހުންނަންވާ ވަރަށް ނިއުޓްރިޝަން ނެތި ގިނަ ދުވަސްވުމުން ވެސް ލޭގެ ޕްރެޝަރު މަތިވުމަށް މަގުފަހިވެއެވެ. އޭގެ ތެރޭގައި މެގްނީސިއަމް މަދުވުން، ވިޓަމިން ބީ1 އާއި ވިޓަމިން ބީ6 އަދި ކެލްސިއަމް މަދުވުމާއި ޕޮޓޭސިއަމް މަދުވުން، އަޔަން މަދުވުމާއި ވިޓަމިން ޑީ މަދުވުން، އެންޓި އޮކްސިޑެންޓް އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން މަދުވުމާއި ޕްރޮޓިން މަދުވުން، ކޮއެޒީން Q10 (މިއީ ސެލްތަކުގެ "މައިޓޯކޮންޑްރިއާ" ގައި ހުންނަ ގުދުރަތީ ގޮތުން އުފެދޭ ކޮމްޕައުންޑެއް) މަދުވުމާއި އާޖިނިން (މިއީ އެމައިނޯ އެސިޑެއް އަދި މިއީ ހަށިގަނޑުގައި ޕްރޮޓިން ހެޔޮވަރުކުރުމުގައި ބައިވެރިވާ މާއްދާއެއް) މަދުވުން ހިމެނެއެވެ.
މިހުރިހާ މައުލޫމާތެއްގެ އަލީގަ ލޭގެ ޕްރެޝަރު މަތިވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމާމެދު ވިސްނާލައިފިނަމަ މުޅިންހެން ހުރީ އަހަރުމެން އަމިއްލަޔަށް ކުރެވިދާނެ ނުވަތަ ބަދަލު ކުރެވިދާނެ ކަންކަމެވެ.
ލޭގެ ޕްރެޝަރު މަތިވުމުން ދިމާވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ތިންކަމަކީ،
1. ސިކުނޑިއަށް ބޭނުންވާ ވަރަށް ފުރިހަމައަށް އޮކްސިޖަން ނުލިބުން
2. އިންފްލެމޭޝަން (ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުގައި)
3. ނާރުތަކުގެ ނިޒާމް އާދަޔާއި ޚިލާފަށް އެކްޓިވްވެ އޭގެ ނަތީޖާއެއްގެ ގޮތުން ދިމާވާންނުޖެހޭ ގިނަ މައްސަލަތައް މެދުވެރިވޭ
ލޭގެ ޕްރެޝަރު މަތިވުމުން މި ލިސްޓްގައިވާ މައްސަލަތަކާމެދު ވާހަކަދެކެވުނުތޯ ހަނދާންކޮށްލުން މުހިންމެވެ. ބަރުދަން ލުއިކުރުމަށާއި އެކަން ކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ވާހަކަ ދެކެވުނުތޯއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާމެދު މަޝްވަރާ ކުރެވުނުތޯއެވެ. ހަމައެހެންމެ ކަސްރަތު ކުރުމަށް ބާރުއެޅުމަށާއި، ނިދި ހަމަކުރުމަށް ނަސޭހަތްތެރިވިތޯއެވެ.
ޕްރޮސެސްކުރި ކާނާ ކެއުން ހުއްޓާލުމަށްފަހު ގުދުރަތީ ކާނާ ނުވަތަ ހޯލްފުޑްސް ކެއުމުން މި މައްސަލަ ހައްލުކުރެވިދާނެ ވާހަކަ ކިޔައިދީ އޮޅުންފިލުވާދިންތޯ އެވެ. މީގެ ތެރޭގައި ދެންހުރި ކަންކަމުގެ ތެރެއިން ބަލި ކަމުގައި ބެލެވޭ ބަލިތަކަކީ ވެސް ކެއުމާއި ބުއިން އަދި ލައިފްސްޓައިލްގެ ސަބަބުން ކުރިމަތިވާ ނުވަތަ އޮޓޯއިމިއުން ކޮންޑިޝަންތަކެވެ. މި ކެޓަގަރީގެ ބަލިތަކަކީ މިކަމުގެ މާހިރުން ބަލީގެ ލިސްޓުގައި ހިމަނާ އެއްޗެއް ނޫނެވެ. މިއީ ކޮންޑިޝަންގެ ގޮތުގައި ދެކޭ ބާވަތްތަކެވެ.
ވުމާއެކު އަމިއްލަ ނަފުސާއި ކުރަންޖެހޭ ސުވާލަކީ ޕްރެޝަރު މަތިވުމުން އެމައްސަލައަކީ ކިހާ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްތޯ އެވެ. މިކަމުގައި ފަސޭހަގޮތް ބަލައިގެން ގަޑިންގަޑިއަށް ބޭހެއް ކާލާނީތޯއެވެ. ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ސިއްހަތައް އިތުރު މުސީބާތެއް ކުރިމަތިވިޔަނުދީ ކެއުމާއި، އުޅުމަށް ބަދަލުގެނެސް ރަގަޅު ކުރަންވީތޯ އެވެ. މިއީ އެކިމީހުންނަށް އެކިގޮތް ދިމާވެ ތަފާތު ނަތީޖާ ދައްކާ ކަމެއްނޫނެވެ.
މިއީ ކޮންމެ މީހަކުވެސް ކޮށްފިނަމަ ނަތީޖާ ނެރެވޭ އަމިއްލަ ފަރުވާއެވެ. ދިރިހުރުމުގައި ސިއްހަތު ރަގަޅަށް ބެހެއެޓުމަށްވުރެ އުފާވެރި ދެވަނަ އެހެން ކަމެއް އޮންނާނެތޯ އެވެ. ކެއުން ބައްޓަންކުރާ ގޮތުން 99 ޕަސެންޓް ބަލިން ސަލާމަތްވާ ކަމީ މިހާރުގެ މޮޑަން ސައިންސްގެ އަލީގައި ސާބިތު، ދެވަނަ ބަހުސެއް އޮތްކަމެއް ނޫނެވެ. ޓޮކްސިކް ނުވަތަ ހަށިގަނޑަށް ގެއްލުންދޭ ކާނާގެ ސަބަބުން ނާރުތައް ހަރުކަށިވެ، ކެލްސިއަމް ބެލެންސް ގެއްލި ނާރުތަކުގެ ތެރޭގައި ކެލްސިއަމް ޖަމާވެ ނާރުތަކުން ލޭ ދައުރުވުމުގައި އާންމު ނިޒާމް ގެއްލިގެން ލޭ ދައުރު ކުރުމަށް އިތުރު ޕްރެޝަރު ބޭނުންވަނީ އެވެ. އޭގެ ސަބަބުން ގުނަވަންތަކަށް ލިބެންޖެހޭ ފުރިހަމަ އޮކްސިޖަން ނުލިބި އެކިއެކި ތަކުލީފު އުފުލަންޖެހުމުން ގުނަވަންތަކުން ކުރާ މަސައްކަތަށް ބުރޫއަރަނީ އެވެ. އެއިން ކޮންމެ މައްސަލައަކަށް އިތުރު ފަރުވާ ހޯދަންޖެހި އާންމު އުސޫލުން އާދަވެފައިވާ ފަރުވާގެ ސަބަބުން އަނެއްކާ އިތުރު މައްސަލަތައް ނިކުންނަނީ އެވެ. އެއިން ދެން ދިމާވަނީ ނިމުމެއް ނެތް ބޭހުގައި އުޅުމެވެ. ގުދުރަތީ ގޮތުން ދެއްވާފައިވާ ނިއުމަތުގެ ބޭނުންހިފައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމުން ނިކުންނާނެ ނޭދެވޭ ނަތީޖާއެއް ނެތެވެ. ދިމާވާނެ ކަމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ނަސީބެވެ. މީހާ ރީކޮށް ވެސް ހުރުމެވެ. ވަރުބަލި ނުވެވެސް ހުރުމެވެ. އަދި ތިމާގެ ނަފުސާއިމެދު އިތުބާރު ވެސް ބޮޑުވުމެވެ.