ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި 25 އަހަރަށް ޖަލަށް ލާން 2015 ގައި ކުރި ހުކުމާ އެކު ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލުނު މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް (ޖަނގިޔާ ނާޒިމް) ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ކުރިމަތިލާން ނިންމައިފި އެވެ.

ނާޒިމްއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ނާޒިމްގެ ގޮނޑި ގެއްލި ޖަލަށް ހުކުމް ކުރުމުން ބޭސްފަރުވާއަކަށް ސިންގަޕޫރަށް ދިއުމަށްފަހު ފިލައިގެން އިނގިރޭސިވިލާތަށް ގޮސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި 2018ގެ ވެރިކަން ބަދަލުވުމުން ނާޒިމް ރާއްޖެ އައުމާއެކު އޭނާގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށް ނާޒިމް މިނިވަންކުރި އެވެ. އަދި 2019 ވަނަ އަހަރު އަމިއްލަ ގޮތުން ދިއްގަރު ދާއިރާއަށް ވާދަކުރުމުން ގޮނޑި ގެއްލުނެވެ.

އޭނާ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ. އެކަމަކު، ނާޒިމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން 2028 ވަނަ އަހަރުގެ ފަހުކޮޅު ބާތިލް ކުރުމާ ގުޅިގެން އޭނާ އަލުން މަޖިލިހަށް ކުރިމަތިލެއްވި އެވެ.

އެ ފަހަރުގެ އިންތިހާބުގައި ނާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ދިއްގަރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އިކްރާމް ހަސަނެވެ. އިކްރާމަށް ހާހަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވި ނާޒިމަށް ލިބުނީ ގާތްގަނޑަކަށް 700 އެއްހާ ވޯޓެވެ.

ނާޒިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ. އެކަމަކު، 2013 ގައި ޔާމީން ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން، ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން އެ ގުޅުން އެއްކޮށް ކެނޑުނީ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ނާޒިމް މަސައްކަތްކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށެވެ. އަދި އެ އިންތިހާބުގައި ގާސިމަށް ނާކާމިޔާބުވުމުން ނާޒިމް ހަނު ހުންނެވުމަށްފަހު ކުއްލިއަކަށް ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސް ޔާމީން ޕީޕީއެމް/ ޕީއެންސީ ދޫކޮށްލެއްވުމުންނެވެ.