މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ހުށަހެޅުއްވި މާލީ ބަޔާން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭތީ ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަަތިލީ އަށް ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން އެ ބަޔާންތައް ދިރާސާ ކުރުމަށް ފަހު އިންތިހާބާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަ ނުވާތީ މާލީ ބަޔާންތައް ހުށައަޅާފައިވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ފިޔަވަޅު އެޅުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.

ކޮމިޝަނުން ނިންމީ ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށައެޅީ ރަނގަޅަށް ނޫން ކަމުގައެވެ. އެހެން ކަމުން ކޮންމެ ކެންޑިޑޭޓެއް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ކޮންމެ އެޖެންޓެއް ހަ ހާސް ރުފިޔާ އިން ޖޫރިމާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އީސީ އިން ފިޔަވަޅު އެޅުމަށް ނިންމި ފަސް ކެންޑިޑޭޓުން

  • އުމަރު ނަސީރު - ހ. ދޮންޖޭމުގެ
  • ހަސަން ޒަމީލް - މއ. މާވެޔޮ
  • އަހްމަދު ފާރިސް މައުމޫން - މއ. ކިނބިގަސްދޮށުގެ
  • އިލްޔާސް ލަބީބް - ބުލޫސްކައި - ސ. ހުޅުދޫ
  • މުހައްމަދު ނާޒިމު - މ. ސީނުކަރަންކާގެ

އިލެކްޝަން ކޮމިޝަނުން ވަނީ އެ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނި ގޮތުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް މާލީ ބަޔާން ހުށަހަޅުއްވައިފައި ވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެވެ.