ސަރުކާރުންވި ވައުދުތައް ނުފުއްދާތީ ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެއްޖެ އެވެ.
ޕީޕީއެމްއިން ވަކިވިކަން އަންގައި އެޕާޓީއަށް ފޮނުއްވި ސިޓީގައި ނާސިފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ނުފައްދާ ކަމަށެވެ.
ޕީޕީއެމް މިހާރު ހިންގަމުން ދަނީ އަސާސީ ގަވާއިދާއި ހިލާފަށް ކަމަށާއި ޕީޕީއެމް ހިމެނޭ ކޯލިޝަނެއްގެ ވެރިކަމެއް ގެނައީ ރާއްޖެއަށް އިގްތިސޯދީ ކުރިއެރުމާއި ތަމައްދުންގެ އުޖާލާ ޒަމާނެއް ގެނެސްދެއްވި ވެރިއަކު ހުރަގޭގައި ބާއްވައިގެން ކުރި އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނައުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ ތަފާތު ބަހަނާތައް އުފަންކޮށް ދިވެހި ރައްޔިތުން ކުރި އުންމީދުތަކަށް ފުރަގަސް ދެމުންދާތަން ކަމަށް ވެސް ނާސިފްގެ ފޮނުއްވި މި ސިޓީގައިވެ އެވެ.
އަދި މިއީ ސަރުކާރާ ހަވާލުވާތާ ފުރަތަމަ ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ކަމުގައި ވެސް ނާސިފް ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ސިޔާސީ ހަޔާތް އެއްކޮށް އެ ޕާޓީއެއްގައި ހޭދަކުރައްވާ، އިހްލާސްތެރިކަމާއެކު އެތައް މަސައްކަތެއް ކޮށްދެއްވި ޕީޕީއެމްގެ ސެނެޓުގެ މެންބަރުކަމާއި ޕާޓީގެ މެންބަރުކަމުން އިސްދިއުފާ ދެއްވާ ކަމަށް ނާސިފު ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ހަފްތާއެއް ވެސް ނުވަނީސް ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކައި ގުޅިގެން ކުރީގެ ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީއިން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.