ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފި އެވެ.

ގުޅީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައި ވަނީ ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

ގުޅީގެ އިހުތިސާސް ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅުގެ އިހްތިސާސް ވަކިކޮށްފައިވާއިރު އެތަނަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައިވާ ތަނެކެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، 11،000 ގޯއްޗާއި 20،000 ފްލެޓް އެތަނުގައި ތަރައްގީކުރުމަށް ރައީސް މުއިއްޒު ނިންމާފައިވެ އެވެ.

މީގެ އިތުރުން ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 400 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް ކޮމިޓީން ވަނީ އެ ފައިސާ އުނިކޮށްފަ އެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒުގެ އެންމެ ބިޔަ އެއް މަޝްރޫއަކީ ފުށިދިއްގަރުފަޅު ތަރައްޤީކުރުމެވެ. މިއީ ރާއްޖޭގައި ވެސް މިހާތަނަށް ހިންގޭ ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ހިއްކޭ ސަރަހައްދު، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާވާ ވަރަށްވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.