ގިނަ ރައްޔިތުން މިއަދު ގަބޫލްކުރަނީ ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހޯދީ އޮޅުވާލައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް އެހެން ވިދާޅުވިއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕޭންގައި ޑރ. މުއިއްޒު ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގައި ވެސް އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރާނެ ކަމަށާއި އެ މަނިކުފާނަށް ކުރީ ނުހައްގު ހުކުމެއް ކަމަށް ވިދާޅުވި އެވެ. އަދި ކެމްޕޭންގެ ހުރިހާ ޖަލްސާއެއްގައި ރައީސް ޔާމީންގެ ނަން ޖަހާފައިވާ ހުސް ގޮނޑިއެއް ބަހައްޓާފައިވެ އެވެ.

ރައީސް ޔާމީން މިނިވަންކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުން އިއްޔެ ދިން ޖަވާބާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ މިއީ ސަމާސާ ކަމެއް ނޫން ކަމަށާއި ޑރ. މުއިއްޒު ކެމްޕެއިން ބިނާ ކުރީ ރ. ޔާމީނުގެ ހުކުމްތަކަކީ ހަރާން ހުކުމްތަކެއް ކަމަށާއި އިންޑިޔާ ސިފައިން ތިބެގެން ނުވާނު ކަމަށް ބުނަމުން ކަމަށެވެ.

"މިއީ ސަމާސާ ކަމެއް ނޫން. ޑރ. މުޢިއްޒު ކެމްޕެއިން ބިނާ ކުރީ ރ. ޔާމީނުގެ ޙުކުމްތަކަކީ ޙަރާން ޙުކުމްތަކެއް ކަމަށާއި އިންޑިޔާ ސިފައިން ތިބެގެން ނުވާނުކަމަށް ބުނަމުން. މިއަދު ޖިނާއީ އަދި މަދަނީ އަދުލޭ ކިޔާ އޮޅުވާލަން ޖާގައެއް ނެތް،" ރައީސް ޔާމީންގެ އިސް ވަކީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފުރޮޅިއްޖެ ކަމަށާއި ނަމަވެސް ރައީސް ޔާމީނަށް ލުޔެއް ވެސް ނުލިބޭ ކަމަށެވެ.

"ހުކުމްވެސް އަވަސް ނުވޭ. އިންޑިޔާ ސިފައިން ފުރަތަމަ ހަފުތާ ފާއިތުވި އިރު ތިބިކަމެއް، އަދި އަދަދު ވެސް ނޭނގޭ. މިއީ ސަމާސާއެއް ނޫން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މިވެރިކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްްވި ޑރ. ޖަމީލް ވިދާޅުވީ ގިނަ ރައްޔިތުން މިއަދު ގަބޫލް ކުރާނީ ވެރިކަން ހޯދީ އޮޅުވާލައިގެންކަމަށާއި އެހެންވީމަ ވެރިކަމުގެ މޯރަލް ލެޖިޓިމަސީ ވެސް ގެއްލިއްޖެ ކަމަށް ވިދާޅުވި އެވެ.