އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއަށް ފޮނުވައިފި އެވެ.
ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައިފައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
ކުނިއަޅަން ބޭނުންކުރާ ކަޅު ކޮތަޅަކަށް ލައިފައި އޮތް އެ ކުއްޖާ އޮތީ ފޫޅު ވެސް ނުކަނޑަ އެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕޯސްޓުމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށެވެ.
މި ކުއްޖާގެ މަންމައަކީ ދިގުރަށުގެ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރަމުން އައި ސްރީލަންކާ އަންހެނެކެވެ. އުމުރުން 30 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ކުއްޖާ ފެނުނު ދުވަހު ދިގުރަށުން ފުރައިގެން މާލެ ގޮސް, ލަންކާއަށް ފުރަން ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކުއްޖާ މަރާލުމަށްފަހު އެއްލާލި މައްސަލައިގައި، ކުއްޖާގެ މަންމަ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތެވެ.