ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯއާ ނުލާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 500 ވޯޓު ވެސް ނުލިބޭނެ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރު ކަން ކުރެއްވެވި މަލީހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފޮޓޯއާ ނުލާ މުއިއްޒަށް މިގައުމުން 500 ވޯޓުވެސް ނުލިބޭނެ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އެހީތެރިކަމާއެކު ކަމަށްވެސް މަލީހު ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާކަމެއް ރައީސް މުއިއްޒު މިހާރު ހަނދާން ނައްތާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ފޮޓޯއާ ނުލާ ޑރ. މުއިއްޒަށް މި ގައުމުން 500 ވޯޓު ހޯދުމުގެ ކެޕޭސިޓީ ނެތް. ވެރިކަމަށް އާދެވުނު ފަހުން މަސް ދުވަސް ވަނީ. ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ޑރ. މުއިއްޒު ނިދަން އެނދަށް އަރާވަޑައިގަންނަވަނީ ކިހިނަކުން ބާވައޭ ހިތަށް އަރާ. ހާދަހާ ރަހުމް ކުޑައޭ،" މަލީހު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި އެންމެ ގިނައިން ދެއްކެވީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަތަކެވެ.
އަދި, ވެރިކަމަށް ވަޑައިގަތަސް ޔާމީނަކީ މުހިންމު ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ދޭ ވޯޓަކީ ޔާމީނަށް ދޭ ވޯޓެއްކަން ސިފަވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.
ނަމަވެސް އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް ޔާމީން ކުރައްވާ މެސެޖަކަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.