މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދިޔުމަށް އިއުލާން ކޮށްފައިވާ ފުށިދިއްގަރު ފަޅު މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ހާމަނުކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއަދު ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމައިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ވަނީ ހަވާލުކޮށްފަ އެވެ. ސީއެމްސީ ކުންފުންޏަކީ ކުރީގެ ސަރުކާރުން ފެށި ހުޅުމާލޭ-3 ދިޔަނެރުފަޅު އަދި ތިލަފުށިން އިތުރު ބައެއް ހިއްކުން ހިމެނޭ މަޝްރޫއުގެ މަސައްކަތް ވެސް ކުރަމުންދާ ކުންފުންޏެވެ.

އެކަމަކު މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މަޝްރޫއު ހަވާލުކުރި އަގާއި މި މަޝްރޫއުއަށް ފައިސާ ހަރަދުކުރަނީ ކޮން ގޮތަކުން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ފުށިދިއްގަރުފަޅުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ.

މަޝްރޫއު ފެށުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ވަނީ ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން އުނިކޮށްފަ އެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގައި ވަނީ އިއުލާނު ކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ހިމަނައިފަ އެވެ.