ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ލިބޭ މުސާރައަށް ވުރެ އެ މެމްބަރުން ރައްޔިތުންގެ ހައްގުގައި ބޮޑު ހޭދައެއް ކުރައްވަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭގޮތުން ސުވާލުކުރުމުން ބިގޭ ވިދާޅުވީ ބައެއް މެމްބަރުންނަކީ ރަށްރަށުގައި ދިރިއުޅުމަށްފަހު މާލެ ވަޑައިގެން ވަރަށް އުނދަގުލުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅުއްވާ ބޭފުޅުން ކަމަށެވެ. އަދި މާލޭގައި ގިނަ ހަރަދުތަކެއް ކޮށްގެން އުޅެން ޖެހުމުގެ އިތުރަށް މެމްބަރުންނަކީ ލިބޭ ޗުއްޓީގައި ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންނަށް ވާތީ އެގޮތަށް ކުރާ ކޮންމެ ދަތުރަކަށް ވެސް އިންތިހާ އަށް ހޭދަކުރަންޖެހޭ ކަމަށް ބިގޭ ވިދާޅުވި އެވެ.

"އުނދަގުލުގައި ތަންތަން [ކުއްޔަށް] ހިއްޕަވައިގެން އުޅުއްވާ ވާހަކަ މެންބަރުން އަބަދު ދައްކަވަނީ. އެހެންވީމަ އެ ހުރިހާ ކަންތައްތަކެއް ދަތިކޮށް މާލޭގަ އުޅެން ޖެހުމުގެ އިތުރުން ރައްޔިތުންގެ ކައިރިއަށް ވެސް ދާނެ ޖެހޭ،" ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ މަޖިލިސް މެންބަރުންގެ ހައްގުތައް ރައްކާތެރިކުރުމާއި އިނާޔަތްތައް ބެލެހެއްޓުމަށް ޚާއްސަ ކޮމިޓީތައް ހުންނަ ކަމަށެވެ. އަދި އެ ކޮމިޓީތަކުގައި އެ ކަންކަމާ ގުޅިގެން މެންބަރުންގެ ހުރި ނުތަނަވަސްކަން ހިއްސާކުރާކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެފައިވަނީ މުސާރަތައް ބޮޑުކުރަން ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ސަރުކާރުން އެދިގެން ކުރި ކަމެއް ކަމަށެވެ. އަދި އެއީ ސަރުކާރަށް ކޮށްދިން ކަމެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވި އެވެ.

މިފަދައިން އެމްޑީޕީން ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ފޮނުވިއިރު އެ ބަޖެޓުގައި އޮތީ ޕޭ ހަމަނައިޒްކުރުން އެކަންޏެވެ. ޕޭ ހަމަނައިޒްކުރުމުގެ ތެރެއަށް މަޖިލީހުން ކަނޑައަޅާ މުސާރަތައް ބޮޑުކުރަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ އެވެ. ޔަޢުޤޫބުގެ ހުށަހެޅުއްވުން އެމްޑީޕީގެ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން ފާސްކުރުމަށްފަހު ބަޖެޓު ފާސްކުރީ އެ ހުށަހެޅުން ހިމަނައިގެންނެވެ.

މަޖިލީސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ހިމެނޭހެން މުސާރަތައް ބޮޑުކުރަން އިއްޔެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާއެކު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް މިކަމުގެ ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.