ކ. ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނުގައި ރަސްމާލެ ނަމުގައި ސިޓީއެއް ތަރައްގީކުރަން މިދިޔަ ހޯމަ ދުވަހު ފެށި ބިން ހިއްކުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުގައި 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮޖެކްޓަކީ އާބަންކޯގެ ބެލުމުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެ ތަނުގައި ދިވެހިން ގެދޮރުވެރި ކުރުވުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށި އިރު، ސަރުކާރުގެ އަމާޒަކީ އަށް މަސް ދުވަހުގެ ތެރޭގައި އެ ތަން ހިއްކައި ނިންމުމެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނި އެވެ. އެކަމަކު، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށާއި ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށް ބަހާލައިފަ އެވެ.

ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ "ކަންގަތި އެވޯޑް" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ވަނީ ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮއްވައި، މަޖިލިހުން ބަޖެޓް ފާސް ކުރިއިރު އެ ފައިސާ އުނިކޮށް އެހެން މަޝްރޫއުތަކަށް ހަމަޖެއްސުމަކީ ދިވެހި ރައްޔިތުންނާއި ގައުމާ އެއްކޮޅަށް ނިންމެވި ނިންމެވުމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފަށަން ނިންމީ އެއީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނެ މަޝްރޫއުއަށް ވާތީ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަން ޖެހުނީ ވަރަށް ދަތި އުނދަގުލުން އެހެން މަގަކުންނެވެ. އަދި އެ މަޝްރޫއު ފެއްޓެވީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ހުންނަވައި ކަމުގައި ރައީސް ވިދާޅުވި އެވެ.

"ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެންނާނަން. އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެއްކޮޅަށް. އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ވަރަށް ލޯބިވަން." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވަކިޕާޓީއެއް ތަފާތު ނެތި، އެންމެ ގިނަ ދިވެހި ރައްޔިތުން އެމަނިކުފާނު ގާތުގައި ދެއްކެވި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށެވެ. ކުދިކުދި ގޮޅިގޮޅީގައި ތިން، ހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފްގެ ވާހަކަ ދެއްކި އިރު، އެ ދިރިއުޅުމުގެ އަރާމެއް ނެތް ވާހަކަ އާއި އަބަދު ދިޔައީ ނިކަމެތި ހިތްދަތި އިހްސާސްތަކުގެ ވާހަކަ ދައްކަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މަންމައިންގެ ލޮލުން އޮހުނު ކަރުނަ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ. ވަރަށް ފުން އަސަރެއް އެކަމުން އަޅުގަނޑަށް ކުރޭ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއަކީ މިހާރު އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެކެވެ. އޭގެއިތުރަށް ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހިންގެ ހަޔާތަށް ހަދިޔާ ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ ތަފާތު އެކިކަންކޮޅުތަކުގައި ވެސް ގެދޮރުވެރިކަމުގެ ބިޔަ އެތައް މަޝްރޫއެއް ހިންގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަގްސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭ ޒަމާނެއް ދިވެހިންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހިންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން." ރައީސް ވިދާޅުވި އެވެ.