ކ. ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ނަމުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށް ބުނެ މި ސަރުކާރުން ހިންގާ މަޝްރޫއުއަކީ ދެބަސްވެވެން ނެތް ކޮރަޕްޝަނެއް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ"ގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ވަނީ ފަށައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާ އިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އެވެ. ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސީއެމްސީއަށް ކުއްޔަށް ދޭ ގޮތަށެވެ.

ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ރައީސަކު ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްކޮށް ދެއްވި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދެވި ކަން ޖަމީލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެގެން ދިޔައީ މުޅިން އެހެން ހަރުފަތަކަށް ބޯހިޔާވަހިކަން ގެންދެވި ރައީސަކަށް ކަމަށާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި އެތައް ޓަވަރެއް އަޅާ ނިންމި އިރު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަން ކުރެއްވި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ހަމައެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޯހިޔާވަހިކަމަށް ބުރަ މަސައްކަތެއް ކުރެއްވި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެކަމަށް ހާއްސަ އިސްކަމެއް ދެއްވި ކަމުގައި ޖަމީލް ވިދާޅުވި އެވެ.

"މި ހުރިހާ ރައީސުންނަށް ހައްގު ޝުކުރު،" ޖަމީލް ވިދާޅުވި އެވެ.

ނަމަވެސް ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ހުޅުމާލެ ވެސް ހިމެނޭ ގޮތަށް މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ބަޔަކަށް ދިނުމަށް ފަހު މާ ދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލާ ވީކަމެއް ނޫން ކަމަށެވެ.

"އެއީ މާލޭގެ އަގު ބޮޑު ބިންދިނުމަށްފަހު ކުރަން ހެޔޮވާވަރުގެ ކަމެއްތޯ؟ ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން. ވީއިރު ރ. މުއިއްޒުގެ ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވޭ. މިއީ ދެބަސްވެވެން ނެތް ބޮޑު ކޮރަޕްޝަނެއް." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި މިއީ ހުޅުމާލެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެކެވެ.

"މިއީ ގޮތް ނޭނގޭ އެތަކެއް ކަމެއް ހިމެނޭކަމެއް. މިއީ ދެކޮޅު ނުޖެހޭ މަޝްރޫއެއް. ގުޅާލެވޭނެ ގޮތެއް ނެތް ތަނެއް." ޖަމީލް ވިދާޅުވި އެވެ.