ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާ އަށް ބޮޑު ކުރި ކުރުމަކީ ތަފާތު ފާޑު ކިޔުން ތަކަށް މަގު ހުޅުވިގެން ދިޔަ ކަމަކަށް ވެއްޖެ އެވެ.

އެއްބަޔަކު ދެކޭ ގޮތުގައި އަމިއްލަޔަށް ކަނޑައަޅައިގެން ދައުލަތުގެ މާލިއްޔާ އިން ކޮންމެ މެންބަރަކަށް އެއްލައްކަ ރުފިޔާ ނެގުމަކީ ބޮޑު މިންވަރެކެވެ. އަމުދުން ބައިތުލްމާލުގައި ކޮންމެހެން ހުންނަން ޖެހޭ މިންވަރަށް ވުރެ ވެސް ރިޒާވް ދަށްވެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ގަނެވޭ ފެންވަރު ވެސް ނެތްކަމަށް ބުނާ ދުވަސްވަރެއްގައި މިފަދަ ބޮޑު މުސާރައެއް ކަނޑައެޅުމަކީ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވި ކަމެކެވެ.

ބޮޑު ކުރި މުސާރައާ އެކު އާންމުންގެ ފާޑު ކިއުން އަމާޒުވާން ފެށުމުން މުސާރަ ބޮޑު ކުރި ކުރުން މަޖިލީހުން އެޅުވީ ސަރުކާރުގެ ބޮލުގަ އެވެ. މެންބަރުންގެ މުސާރައާ އެކު ރައީސުލް ޖުމުހޫރިއްޔާ އާއި ނައިބު ރައީސާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ވަޒީރުންގެ މުސާރަ ވެސް ވަނީ ބޮޑު ކޮށްފަ އެވެ. އެހެންކަމުން މި ގެނެވުނު މުސާރައިގެ ބަދަލަކީ މިހާރު ވެސް ލޯނު ނަގައިގެން ހަމަޖައްސަން ޖެހިފައިވާ ސަރުކާރުގެ ބަޖެޓަށް ކުރިމަތިވި އިތުރު ބުރައަކަށް ވާނެ އެވެ.

މަޖިލީހުގެ ތުހުމަތުން ބަރީއަ ވުމަށްޓަކައި ސަރުކާރުން އަވަސްވެގަތީ ވެރިންގެ މުސާރަ ބޮޑު ކުރަން އެދިފައި ނުވާނެ ކަން ހާމަކުރުމަށެވެ. ސަރުކާރުން ބުނީ ބަޖެޓުގައި އެދިފައި ވާނީ "ޕޭ ހާމަނައިޒް" ކުރުމަށް ކަމަށެވެ. ޕޭ ހާމަނައިޒު ކުރުމަކީ އާންމު ގޮތެއްގައި އޮގަނައިޒޭޝަނެއްގެ މުއްއްޒަފުންގެ މުސާރައިގެ ފަރަގު ކުޑަ ކޮށް މުސާރައިގެ އޮނިގަނޑު ވީހާވެސް ފައިދާ ހުރި ގޮތަކަށް އަތުރާލާ އަތުރާ ލުމެވެ. އެހެން އެކަން އޮތް ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުން މި ގެނައި ބަދަލުގެ ސަބަބުން ދައުލަތުގެ އެންމެ އިސް ވެރިންގެ މުސާރަ ފިޔަވައި އެހެން ބައެއްގެ މުސާރައަކަށް ބަދަލެއް ނާދެ އެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ މުއައްޒަފުންގެ މުސާރައިގެ ފަރަގު މަތިން ތިރިއަށްވީ ބޮޑެވެ. އެހެންކަމުން މުއައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަ ކުރުމަށް ސަރުކާރުން ރާވަފައިވާ ކަމުގައި ވާނަމަ އެކަމަށްޓަކައި އިތުރު ފައިސާ ބަޖެޓަށް ބޭނުން ވާނެ އެވެ.

މުސާރަ ބޮޑު ކުރީ ސަރުކާރުން އެދިގެން ނޫން ކަމުގައި ބުނުން ފިޔަވައި ބޮޑު ކުރި މުސާރައާ ބެހޭ ގޮތުން ސަރުކާރުން މާބޮޑު ވާހަކައެއް ނުދެއްކި ކަމުގައި ވިޔަސް ރައީސުލް ޖުމުހޫރިއަޔާގެ މުސާރައިން ބޮޑުވާ ބައި ކޮންމެވެސް އިޖުތިމާއީ ފަންޑަކަށް ހޭދަ ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ. ރައީސްގެ މުސާރަ އިޖުތިމާއީ ފަންޑަކަށް ހޭދަ ކުރެއްވި ކަމުގައި ވިޔަސް އެއީ ސަރުކާރުގެ ބަޖެޓަށް އެއްވެސް މިންވަރެއްގެ ލުޔެއް ލިބޭނެ ކަމެއް ނޫނެވެ. މުސާރަ ނެންގެވުމަށް ފަހު އެއީ އެމަނިކުފާނުގެ އަމިއްލަފުޅު މިލްކެކެވެ. އެ ފައިސާ އެމަނިކުފާނު ބޭނުންފުޅު ގޮތަކަށް ޚަރަދު ކުރައްވަންވީ އެވެ.

ދިވެހި ދައުލަތް ދަރައި ވިކިފައިވާ ވަގުތެއްގައި އާންމު ރައްޔިތުންގެ އާމްދަނީއާ އަޅާ ބަލާއިރު އެކަށީގެންވާ ވަރަށް ވުރެ ބޮޑު މުސާރައެއް އަމިއްލަޔަށް ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ އެ ގެނައި ބަދަލަކީ ރަނގަޅު ބަދަލެއް ކަމުގައި ދެއްކުމަށް ތަފާތު ގޮތްގޮތަށް ވަކާލާތު ކުރަމުންނެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކުރި ކުރުން ރަނގަޅު ކަމުކަމުގައި ވިސްނައި ދިނުމަށްޓަކައި މެންބަރުން ބުނަމުން އަންނަނީ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބޭ މުސރައަކީ ޒަރޫރީ ބޭނުންތަކަށް ފުދޭ ވަރުގެ މުސާރައެއް ނޫން ކަމުގަ އެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަށް އެލަވަންސާ އެކު ލިބެނީ 80،000 ރުފިޔާ އެވެ. މިއީ ސަރުކާރުގެ އެވްރެޖް މުސާރައަށް ވުރެ އެތައް ގުނަ ބޮޑު މިންވަރެކެވެ. އެހެންކަމުން އެފަދަ ބޮޑު މުސާރައެއް ލިބޭ ބަޔަކަށް ޒަރޫރީ ބޭނުންތައް މުސާރައިން ނުފުއްދޭ ކަމުގައި ވާނަމަ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތަކާ މެދު ސުވާލު އުފެދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާޔަށް އިސްކަން ދީގެން" ވަޒީފާގެ ޒިންމާ އަދާ ކުރަން ޖެހޭ ބައެކެވެ. މުސާރަ ކަނޑައެޅުމުގައި ވެސް އެފަދައިން އަމަލު ކުރަން ޖެހެ އެވެ. ރައްޔިތުންގެ އެވެރެޖް އާމްދަނީ އާއި ސަރުކާރުގެ މުއައްޒިފުންގެ އެވްރެޖެ މުސާރަޔާ ނުބައްދަލު މުސާރައެއް އަމިއްލަޔަށް ކަނޑައެޅުމަކީ ފަހަރެއްގައި ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އަދި ހަމަ އެފަދަ ބޮޑު މުސާރަ ކަނޑައެޅުމަށް ފަހު މެންބަރުންގެ މުސާރައަށް ވުރެ ބޮޑު އެއްޗެއް ދާއިރާގެ ރައްޔިތުންނަށް ހޭދަކުރާ ކަމުގައި ބުނުމަކީ ހަގީގަތުގައި އެ ދައްކާ ވާހަކަ ތަހުގީގު ކުރަން ޖެހޭނެ ކަމެކެވެ.

މަޖިލީހުގެ މެންބަރަކަށް ވުމަކީ އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންނަށް ވަކި ހޭދައެއް ކުރަން ޖެހޭ ސަބަބެއް ނޫނެވެ. މެންބަބަރަކަށް ވިޔަސް ނުވިޔަސް އެމީހެއްގެ ކެރި ފޯރުން ތެރިކަން ހުރި މިންވަރަކުން އިޖުތިމާއީ ކަންތަކަށާއި ވަކިވަކި ފަރުދުންގެ މުހުތާދުތަކަށް ހޭދަކުރުމަކީ ކުރަން ރަނގަޅު ކަމެކެވެ. އެހެނަސް މަޖިލީހުގެ މެންބަރަކަށް ވުމުގެ ސަބަބުން ދާއިރާގެ ރައްޔިތުންނަށް މުޅި މުސާރަ ހޭދަ ކުރަން ޖެހޭތީ ދައުލަތަށް ނުއުފުލޭ ވަރުގެ ބުރަ ޖައްސައި ބޮޑު މުސާރަ ކަނޑައަޅާނަމަ އެކަން ފެތިގެން ދާނީ ޚިޔާނަތުގެ ގޮޅިޔަކަށެވެ. ކުރިޔަށް އޮންނަ އިންތިޚާބު ކާމިޔާބު ކުރުމަށް ހޭދަ ކުރުމުށަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ނެގުން ނޫން ކަމަކަށް އަމިއްލަޔަށް ކަނޑައެޅި ބޮޑު މުސާރަ ނުވާނެ އެވެ. އެއީ ސަރުކާރުން އެދުނު "ޕޭ ހާމަނައިޒު" ކުރުމާ، ނުވަތަ މެންބަރުންގެ ޒަރޫރީ ބޭނުން ތަކަށް ކިރިޔާ ފުދޭ މިންވަރަކާ ގުޅުމެއް ހުރި ކަމެއް ނޫނެވެ. އެއީ ހާމަކަން ބޮޑު ކޮރަޕްޝަނެވެ.