ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަގު ބޮޑު މުދާތައް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރުމަށް އޭނާ ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލަން ރަޖިސްޓްރާ ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި އެވެ.

ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ، އަސްލު އޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ. މި މުދާތައް ހިފެހެއްޓީ މިދިޔަ މަހުގެ 19 ގަ އެވެ.

މި އަމުރު މަންޑޭގެ ފަރާތުން މިދިޔަ މަހުގެ 24 ގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރިނަމަވެސް އެކޯޓުގެ ރަޖިސްޓްރާ ވަނީ އެމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާ، މައްސަލަ ބޭރުކޮށްލާފަ އެވެ.

މި މައްސަލަ އަލުން ބަލައިގަތުމަށް ނިންމާފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ރައުޔުންނެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް ގެ އިތުރުން ފަނޑިޔާރު މުޙައްމަދު ޝަނީޒް އެވެ.

މީގެތެރެއިން ފަނޑިޔާރު ހަސަން ޝަފީއު ގެ ރައުޔުގައި ވަނީ ރަޖިސްޓްރާގެ ނިންމުން ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތީތީ ރަޖިސްޓްރާގެ ނިންމުން ބަދަލު ކުރުމަށް ނުފެންނަ ކަމަށެވެ. ނަމަވެސް މިއާ ޚިލާފަށް ފަނޑިޔާރު މުހައްމަދު ސަލީމް ގެ ރައުޔުގައި ވަނީ އިސްތިއުނާފު ބަލައިގަތުމަށް ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި މި ނިންމުމަށް ފަނޑިޔާރު މުޙައްމަދު ޝަނީޒް ވަނީ ތާއީދު ކުރައްވާފަ އެވެ.

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ 1 ދައުވާއެވެ.