ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައިފި އެވެ.

އައްޑޫ ޝަރީފު އެގޮތަށް ނިންމެވިކަން އިއުލާނުކޮށްފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ މައިދާނުގައި އިތުރަށް މަސައްކަތް ކުރުމުގެ ޝައުގެއް މި ވަގުތު އޭނާގެ ނެތް ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވެސް ވާދަނުކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި މިހާ ގިނަ ދުވަހު މަސައްކަތް ކުރެވުނު އިރުވެސް އޭނާއަށް ކުރެވުނު ރަނގަޅު ކަމެއް ނުފެނުނު ކަމަށެވެ.

ޝަރީފް ވަނީ 20 އަހަރަށް ވުރެން ގިނަ ދުވަސްވަދެން މަޖިލީހުގެ މެމްބަރުކަން އަދާކުރައްވައިފަ އެވެ. އަދި ހާއްސަ މަޖިލީހުގައި ވެސް ޚިދުމަތްކުރައްވާފައިވާ ޝަރީފަކީ ފެހި ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ވެސް ޝާމިލްވެވަޑައިގެންނެވި ބޭފުޅެކެވެ. ޝަރީފަކީ މަޖިލީހުގެ ކޮމިޓީތަކުގައި އާއި މަޖިލީހުގެ ތަޅުމުގައި ބިލްތަކަށް ވާހަކަދެއްކެވުމާއި، ސަރުކާރުތައް ޖަވާބުދާރީކުރުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރީފު ސިޔާސީ ކަންކަމުން ދުރަށް ދިޔުމަށް ނިންމާފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސޮއިކުރުމަށް ވަނީ ނިންމައިފަ އެވެ.