ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކާ ނުކުޅެވޭނެ ކަމަށާއި މި ވެރިކަން ވައްޓާވެސް ނުލެވޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ރެޑްވޭވް ފިހާރަތަކުގެ ވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ގަދަބަސް ބުނެފި އެވެ.

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެމްޑީޕީން އުޅެނީ ވެރިކަން ގެއްލުމާ ގުޅިގެން ރައްޔިތުން ހޮވި ސަރުކާރު ވައްޓާލުމަށާއި ވަޒީރުންނަށް ރުހުން ނުދިނުމަށް ކަމަށެވެ.

އެކަމަކު، އެމްޑީޕީން ކުރަން އުޅޭ ކަންކަން ކާމިޔާބުވިޔަ ނުދޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ރުހުން ވެސް ހޯދާނަން މާތް ﷲ ގެ ރަހްމަތް ފުޅާއެކު، މި ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ. އެކަން ވެސް ނުކުރެވޭނެ. އެކަމަށް ފުރުސަތެއް ވެސް ނުދޭނަން. އަޅުގަނޑުމެން މިތިބީ އެކަމުގައި ހިފައިގެން. އަޅުގަނޑުމެން ސަލާމަތުން ތިއްބާ ކުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް. މި ސަރުކާރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ،" ރެޑްވޭވް ފިހާރަތައް ހިންގާ ކުންފުނީގެ ވެރިޔާ ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާއިރު ވަޒީރުންނަށް ރުހުން ނުދީ އޮތް މައްސަލައިގައި ސަލީމް އެންމެ ބޮޑަށް ފާޑު ވިދާޅުވީ، މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށެވެ. ސަލީމް ވަނީ ކެބިނެޓަށް ރުހުން ނުދީ އޮތީ އަސްލަމް ރާއްވަވައިގެން ކަމަށް ތުހުމަތު ކުރައްވައި އެ ގޮނޑީގައި އޭނާ އަށް ނީނދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ދައުރު ނިމޭއިރު ވަޒީރުންނަށް ރުހުން ނުދިނުމަކީ އެމްޑީޕީގެ ހުދުމުހުތާރު އަމަލެއް ކަމަށާއި އެއީ ސަރުކާރު ވައްޓާލުމަށް އެ ޕާޓީން ކުރަމުން އަންނަ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"ޗުއްޓީއަށް ދާ އިރު، ވަޒީރުންނަށް ރުހުން ނުދެވޭ. މިއީތޯ ޑިމޮކްރަސީތޯ؟ މިއީތޯ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ؟ މިއީތޯ ހުދުމުހުތާރު ކަމަކީ؟ ކޮބައިތޯ ހުދުމުހުތާރު ކަމަކީ؟ މިއީ ނޫންތޯ ހުދުމުހުތާރު ކަމަކީ؟" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވަނީ ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ކޮންޓްރޯލް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.