މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވެސް ފިއްލަވައިގެން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފާނެ ކަމަށް ބުނެ، އޭނާ އާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.
އާޒިމަކީ މި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި އާޒިމް "ސައިލެންޓް"ކޮށް ހުންނަވާފައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިހާބު ބޯމަތިވުމާ އެކު، އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވައި ކެމްޕެއިން ކުރައްވަން ފެއްޓެވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމާ މެދު ސުވާލު އުފެއްދި އެވެ. ގިނަ ބައެއްގެ ހިތްތަކުގައި ނުތަނަވަސް ކަން ބޮޑަށް އުފެދުނީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި ވެރިކަން ކުރައްވާ ޕީއެންސީއާ ރޭ ގުޅިވަޑައިގަތުމުންނެވެ.
އެހެންވެ، އާޒިމް ވެސް އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީ ނުވަތަ އެމްއެންޕީއާ ގުޅިވަޑައިގެންފާނެ ކަމަށް ދެކޭ މީހުން ގިނަ އެވެ. އަދި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފެންނަ މަންޒަރުތަކުން އެމްޑީޕީ ޓިކެޓުގައި އާދަމް އާޒިމް ހޮވިވަޑައިގަތަސް، އެމްޑީޕީގައި އޭނާ ހުންނަވާނެ ކަމަށް ބެލުމަކީ މޮޔަ ކަމެއް ކަމަށެވެ.
އާޒިމް އެމްޑީޕީ އަށް ސޮއި ކުރެއްވީ މޭޔަރު ޓިކެޓު ބޭނުންވެގެން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
"އޭނަގެ (އާޒިމް) ގުޅުންތައް ހުރީ ނާޒިމާއެކު ހަމަ ސަރުކާރުގައި،" ހަސަން ލަތީފްގެ ޕޯސްޓުގައިވެ އެވެ.
ބައެއް މީހުން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އާޒިމް އެމްޑީޕީ އަށް ސޮއި ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ. އަދި އާޒިމް އެމްޑީޕީ އަށް ވަފާތެރި ނުވާނެ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އޮންނަ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އެއީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝުކޫރާއި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ ސައިފް ފާތިހް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ. ހުސެއިން ވަހީދު މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގަ އެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ، އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.
ރަސްމާލެ ވަގު ސަރުކާރަށް ރުހުން ނުދީ އަޒުލް ކުރަން އެޖެންޑާ ކުރުން ގައުމަށް ފައިދާވާނެއޭ އެމްޑީޕީ މެމްބަރުން ގަންނަނީ އެއީ ރަސްމާލެ މަޝްރޫއު ނަމުގައި ހުޅުމާލޭން ވިއްކާ އެތައް ހާސް ހެކްޓަރުގެ ބިންތައް ލަންކާ ގެވަގުންނަށް ހިލޭދީގެންނޭ