ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތްލެއްވި ކޮންމެ އެއްޗެއް ރަނަށް ހައްދަވާފައިވާ ކަމަށް ވިދާޅުވެ، ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ އެމަނިކުފާނަށް ވަރަށް ބޮޑަށް ރޭ ތައުރީފް ކުރައްވައިފި އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި އައްބާސް ވިދާޅުވީ މާލެ ސިޓީ އަށް ބެލި ކަމުގައި ވިޔަސް، ރައީސް ޔާމީންގެ ދުރު ވިސްނޭ ބުއްދި ހުރި ބޭފުޅެއް ކަމަށެވެ. އޭނާ އެ ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ ޒާއާމަތުގައި އާއި އޭގެ ކުރިން އެސްޓީއޯ ހިންގެވުމާ ހަވާލުވެ ހުންނެވި އިރު، މާލެ އަށް ގެންނެވި ތަރައްގީއަށެވެ.

އައްބާސް ވިދާޅުވީ މާލޭގެ މާފަންނުގައި ހުންނަ އެސްޓީއޯ ބިލްޑިންއަކީ ވަރަށް ފަހުން އެޅި އިމާރާތެއް ކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް އެއީ ޔާމީން އެސްޓީއޯގައި ހުންނަވަނިކޮށް 1993 ވަނަ އަހަރު އެޅުއްވި އިމާރާތެއް ކަމަށެވެ.

"އެސްޓީއޯ ހަވާލު ކުރެއްވީ ނުވާނެ ކަމަށް. އޭރު އެސްޓީއޯ އޮތީ ހުސް ގެއްލުމުގައި. އަޅުގަނޑު އަބަދުވެސް ހިތަށް އަރާ މިއީ އިހަށް ދުވަހަކު ހަދާފައި ހުރި ބިލްޑިންއެއް ބާވައޭ ވެސް. އެސްޓީއޯ ހެޑް އޮފީސް ފެނުނީމަ. މިހާރު ވެސް މާލޭގައި ނުހުންނާނެ މިހާ ރީތި ބިލްޑިންއެއް ބޭރުން ބަލާލައިފި ނަމަ. މިހާރު އުޅޭ ކުދިންނަށް ހީވާނީ މިއީ އިހަށް ދުވަހު އަޅާފައި ހުރި ތަނެކޭ. އެކަމަކު، އެމީހުންނަކަށް ނޭނގޭ މިއީ 1993 ވަނަ އަހަރު އަޅާފައި ހުރި ތަނެއް ކަމެއް،" އައްބާސް ވިދާޅުވި އެވެ.

އެސްޓީއޯގެ އިމާރާތެކޭ އެއްގޮތަށް ސްޓެލްކޯގެ އިމާރާތަކީ ވެސް ޔާމީންގެ ދުރު ވިސްނޭ ސިޔާސަތުގެ ދަށުން އެޅުއްވި އިމާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންއަކީ އެމަނިކުފާނު އަތްލެއްވި އެއްޗެއް ރަނަށް ހަދާފައި ހުރި ބޭފުޅެއް. އެހެނެއް ނޫންތޯ އެކަން އޮތީ؟ ނިކަން ބައްލަވާ ރަނެއް ނޫންތޯ އޮތީކީ؟ މި ގައުމު ވެރިކަމާ ހަވާލުވެވަޑައިގެން މި ގައުމު ރަނަށް ނޫންތޯ ހެދީ؟" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ބޭންކަށް ދާ މީހުން ވެސް ރައީސް ޔާމީނަށް ސެލިއުޓް ކުރަން ޖެހޭނެ ކަމަށެވެ. މީގެކުރިން ނަމަ، ބޭންކަށްދާ މީހެއް ނަމަ، އެ ދުވަހު ހަތަރުދަމު ބޭންކުގައި ހުންނަން ޖެހޭ ކަމަށެވެ. އެކަމަކު، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ބެހެއްޓެވީ މެޝިނެއް ކަމަށާއި އެ މެޝިން ފެނިފައި ބައެއް މީހުން ތިބީ ހައިރާންވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަބޫލެއް ވެސް ނުކުރޭ އެއަށް ޗެކް ލެއްވީމަ ގަބޫލު ކުރާނެ ކަމަށް ވެސް. އަނެއްކާ ފައިސާ ވެސް ވައްޓާލީމަ ރާސް ގުނާލާފައި އެމީހެއްގެ އެކައުންޓަށް. މީހުން ގަބޫލެއް ވެސް ނުކުރޭ އެކަމެއް. އެކަމަކު މިއީ ދުނިޔޭގެ އެތައް ހިސާބެއްގައި މިކަން ކުރާތާ އެތައް ޒަމާނެއް ވެފައި ހުރި ކަންކަމޭ،" އައްބާސް ވިދާޅުވި އެވެ.

ބައެއް ދިވެހިން މީގެކުރިން އެމްއާރުއައި ހަދަން ބޮޑު ހަރަދެއްކޮށްފައި އެންމެ ކައިރި ގައުމަކަށް ދާން ޖެހެނީ އިންޑިއާ އަށް ކަން ފާހަގަ ކުރައްވަމުން އައްބާސް ވިދާޅުވީ އެ ހިދުމަތް ވެސް ރާއްޖޭގައި ފައްޓަވައި ދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި މާލޭގެ ކުނިގޮނޑު ނައްތާލެއްވީ ވެސް ޔާމީން ކަމުގައި އޭނާ ވިދާޅުވި އެވެ.

"ގައުމަށް ބޭނުން ވަނީ އިހްލާސްތެރި ހިތަކާއި ކަންކަން ރަނގަޅު ކުރުމުގެ ވިސްނުން (ހުންނެވި ބޭފުޅެއް). ކަޓުވާލުމުގެ ވިސްނުމެއް ނޫން." އައްބާސް ވިދާޅުވި އެވެ.