މާލޭ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީ އަށް ސޮއިކޮށްފި އެވެ.
ޕީޕީއެމް-ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ ބޭއްވީ ޖަލްސާގައި ޕީއެންސީއާ ގުޅުނީ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު އެވެ. ރީހާން ވަރަށް ފަހަކާ ޖެހެންދެން ހުންނެވީ ޑިމޮކްރެޓްސްގަ އެވެ. އޭނާ އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނިޒްލީ އަކީ އެމްޑީޕީގެ މެމްބަރެކެވެ.
ދެ ކައުންސިލަރުން ވެސް ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރެއްވީ ރައީސް މުއިއްޒުއާ އެވެ.
މި ބަދަލާ އެކު، މާލޭ ސިޓީ ކައުންސިލުގައި މިވަގުތު އެމްޑީޕީ ތަމްސީލް ކުރައްވަނީ ހަމައެކަނި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އެވެ.
ރޭގެ ޖަލްސާގައި ވެސް ޕީއެންސީއަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ހިންނަވަރު ދާއިރާގެ ރައީސް ވެސް ހިމެނެ އެވެ.
ރޭގެ ޖަލްސާގައި އާޒިމާ ވަނީ އޭނާގެ މެނިފެސްޓޯ އިއުލާން ކުރައްވާފަ އެވެ. މެނިފެސްޓޯގައި އާޒިމާވަނީ މޭޔަރުކަމަށް އިންތިޚާބު ވެއްޖެނަމަ މާލޭގެ މުނިސިޕަލް ޚިދުމަތްތައް ތަރައްގީ ކުރުމަށް ގިނަ ޕްލޭންތަކެއް އާންމު ކުރައްވާފަ އެވެ.