ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓެއްގެ ކުލިން 20 ޕަސެންޓް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭ ސިޓީގެ މޭޔަރު ބައި އިލެކްޝަންގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ތާއީދު ހޯއްދެވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކަށް މިހާތަނަށް ކުލީގެ ލުޔެއް ސަރުކާރަކުން ދީފައި ނެތް ކަމަށެވެ.

"މި ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓުތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް ސަރުކާރުން އަދި ލުޔެއް ނުދޭ. ގާތްގަނޑަކަށް 4000 ރުފިޔާއިން ގޮސް 7000 ރުފިޔާއަށް ނުވަތަ 6000 ޕްލަސް މެއިންޓެނެންސް ފީ މި ފޭސް އެކެއްގެ ފްލެޓުތަކަށް މި ދައްކަން ޖެހެނީ. އަޅުގަނޑު މިއަދު އިއުލާން ކޮށްލަން ބޭނުންވަނީ މި ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓަކުން މިއަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެންދާނެއޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ލުއި ދޭން ނިންމެވީ ރާއްޖޭގެ އިގްތިސާދު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހީނަރުވެ، އާމްދަނީ ދަށްވެފައިވާތީ ސަރުކާރުން އެކަމުގައި ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާތީ ކަމަށެވެ. ފްލެޓުތަކުގެ ކުލިން ލުއިކުރާ 20 އިންސައްތަ ސަރުކާރުން މެނޭޖް ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން...

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުއެއްގެ ފްލެޓުތަކުގެ ޖޫރިމަނާ މި ސަރުކާރުން ވަނީ އުވާލައިފަ އެވެ. އަދި ނުދެއްކި ހުރި ކުލި ދެއްކުމަށް ފަސޭހަ ގޮތްތަކެއް، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، އެ ލުއިތަކާ އެއްގޮތަށް، ނުދެއްކި ހުރި ކުލި ދެއްކުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލޭ މޭޔަރު އިންތިހާބުގެ ކުރިން އެ ބަދަލު ގެންނެވީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށެވެ.

ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ފްލެޓްތަކުގެ މަހު ކުލި، މެއިންޓެނެންސް ފީ ހިމެނޭ ގޮތަށް 3،984 ރުފިޔާ އަށް ކުޑަކޮށް ޖުމުލަ ކުލިން 100،000 ރުފިޔާ އުނިކޮށްދީފަ އެވެ. އަދި ރަށްރަށުގައި ހުރި ރޯހައުސްތަކާއި ފްލެޓްތަކުން ކޮންމެ މަހަކު ދައްކަން ޖެހޭ ކުލި 3،330 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.