އާޒިމާ ޝުކޫރު މާލޭގެ މޭޔަރުކަމަށް ހޮވައި ދޭށެވެ. އޭރުން ހުޅުމާލޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހޭނެ އެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ހުޅުމާލޭގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވިދާޅުވި ވާހަކަފުޅެކެވެ. އެއީ ދެއްވި މެސެޖެއް ކަމަށް ވިޔަސް ނުވަތަ ކުރެއްވި އިންޒާރެއް ކަމަށް ވިޔަސް އެވާހަކައަކީ މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ އާޒިމާ އަށް ވޯޓު ހޯދުމަށް ރާއްޖޭގެ ރައީސް އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމެކެވެ.

ރައީސް މުއިއްޒުގެ އެވާހަކަފުޅަކީ މަގާމުގެ ހައިސިއްޔަތާ އެކަށީގެންވާ ވާހަކަފުޅެއްތޯ ސުވާލު އުފެދޭއިރު، ގިނަ ބަޔަކު ދެކެނީ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި ވަކި މީހަކު، ވަކި ކަމަކަށް ހޮވުމަށް ޝަރުތުކުރެވިގެން ނުވާނެ ކަމަށެވެ.

އާޒިމާ މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމާއެކު އެންމެ ބާރަށް އިވުނު އެއް އަޑަކީ އޭނާގެ މައްޗަށް ސާބިތުވި ދަރަންޏެއް ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަން ސިވިލް ކޯޓުން ކުރި ހުކުމެގެ އަޑެވެ. އެ އަޑު ވައިގައި ހިފުމާއެކު އާޒިމާ ވަނީ އެހުކުމް ސިޔާސީ ކުރައްވައި ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.

އާޒިމާގެ މައްޗަށް ކޯޓުން ހުކުމް ކުރީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެންގެވި ލޯނަކަށް ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކަވައިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ހިންގާ ޕާޓީން މާލޭ ސިޓީ ކައުންސިލަށް ނެރޭ އާޒިމާ ޝުކޫރު.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މަތީ މަގާމެއްގައި ހުރެ އާޒިމާ ޕްލެޓިނަމް އިން ގަތް ލަގްޒަރީ އެޕާޓްމަންޓަކަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކުމުން ބޭންކުން ކޯޓަށް ހުށަހެޅި އެ މައްސަލާގައި އާޒިމާގެ މައްޗަށް ދަރަނި ނުދައްކާ ކަން ސާބިތުވެ، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.

ކޯޓުގެ ހުކުމް ސިޔާސީކޮށް އާޒިމާ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އޭނާ ގެންދިޔައީ ބޭންކާއެކު ފައިސާ ދައްކާނެ އާ ތާވަލެއް ހަމަޖެއްސެވުމަށް މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް އެ ތާވަލާ ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވެނީސް ކޯޓުން މިވަނީ މައްސަލައިގެ ހުކުމް ކޮށްފަ އެވެ. ހުކުމް ކުރީ ވެސް އާޒިމާގެ ޣައިރު ހާޒިރުގަ އެވެ. ކޯޓަށް ނުދެވުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ލޯނަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުނު ގޮތާ ބެހޭގޮތުން އާޒިމާ ދެއްކެވި ވާހަކައެއްގައި ވިދާޅުވެފައި ވަނީ އޭނާއަކީ ތިން ސަރުކާރެއްގައި ވެސް އިސް މަގާމުތަކެއް އަދާކުރި ބޭފުޅެއް ކަމަށްވާ އިރު، ދުވަހަކު ވެސް މުސާރަ ފިޔަވައި ރައްޔިތުންގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި ބަރާބަރަށް ބޭންކަށް ފައިސާ ދައްކަވަމުން ގެންދަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފުލި ދައުވާތަކަކާ ގުޅިގެން ދިރިއުޅުމަށް ކުރަމުން ގެންދިޔަ މަސައްކަތް ކަމަށްވާ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ މަސައްކަތަށް ހުރަސް އެޅުމުން އާމްދަނީ ލިބެމުންދިޔަ މަގު ބަންދުވީ ކަމަށެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އާޒިމާ ޝުކޫރު ކެމްޕޭން ހަރަކާތެއްގައި ބައިވެރިވަނީ.

ރާއްޖެއިން ބޭރުން ހޯއްދަން އުޅުނު ވަޒީފާގެ ފުރުސަތު ވެސް ކޯޓަށް ހުށަހެޅި މައްސަލައިގެ ސަބަބުން ބަންދުވުމާއެކު އާމްދަނީ ހޯދުމަށް ކުރަމުން އައި އިތުރު މަސައްކަތަށް ކޮވިޑުގެ ސަބަބުން ލިބުނު ހީނަރު ކަމާއެކު ބޭންކަށް ފައިސާ ދެއްކޭ ގޮތް ނުވީ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެހެންކަމުން ބޭންކާ އެކު ވާހަކަ ދައްކަމުން ގެންދިޔައީ ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އާ ތާވަލެއް އެކުލަވާލެއްވުމަށެވެ. އާޒިމާ ވިދާޅުވާ ގޮތުން އެ މަޝްވަރާތަކަށް އައީ ވެސް ކުރިއެރުން ލިބެމުންނެވެ. އެހެން ނަމަވެސް ކުއްލިޔަކަށް ފެނުނީ ބޭންކުގެ އެދުމަކަށް ކޯޓުން ހުކުމް ކުރި ތަނެވެ.

ބޭންކާއި ކޯޓު ކުށްވެރިކުރާ މޭރުމުން އާޒިމާ ދެއްކެވި ވާހަކަތަކަށް ބަލާލުމުން އެނގޭ ގޮތުގައި ބޭންކުގެ ދަރަނި ދެއްކެވުމަށް އާޒިމާއަށް މިވަގުތު ދައްޗެވެ. އެކަމަށް އިތުރު ވަގުތާއި އާ ތާވަލެއް ބޭނުންވެ އެވެ. ވަޒީފާއެއް ނެތުމުގެ ސަބަބުން މިވަގުތު ނުދެއްކި ހުރި ލޯނު ދެއްކުމަށް ފައިސާ ލިބޭނެ މަގެއް ބޭނުންވެ އެވެ.

އެހެންކަމުން އިސްލާމިކް ބޭންކުގައި އާޒިމާ އެދޭ އިތުރު ވަގުތާއި އާ ތާވަލަކީ މާލޭގެ މޭޔަރުކަމުގެ މަގާމަށް އިންތިޚާބުވުމާ ހަމަޔަށް ބޭނުންވާ ވަގުތާއި އެ މަގާމުން ލިބޭނެ މުސާރައިން ދަރަނި ދައްކާނެ ތާވަލެކެވެ. އެހެންކަމުން މާލޭގެ މޭޔަރުކަމަކީ ބެންކުގެ ދަރަންޏާއި ކޯޓުގެ ހުކުމާ އާޒިމާ ގުޅުވާލާނެ ފާލަމަކަށް ވާނެ އެވެ. އެކަމަށް މަގު ފަހި ކޮށް ދެއްވަން އިސްވެ ހުންނެވީ ކުރިން މޭޔަރުކަން ކުރެއްވި ރައީސް މުއިޒެވެ.