މިސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ވެރިންނަށާއި އެ ގައުމަށް މަލާމާތްކޮށް ބަދު ބަސް ބުނި މައްސަލާގައި ސުވާލުކުރަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޖިލިސްއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމެވެ.

މީކާއިލް މިއަދު މަޖިލީހަށް ހުށަހެޅި ސުވާލުކުރުމުގެ ނޯޓިސްގައި ބުނެފައިވަނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސް ކުރުމުން ވެސް ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މައާފަށް އެދިފައި ނުވަނީ ކީއްވެތޯ އާއި މިކަމާ ގުޅިގެން އެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިނުކުރަނީ ކީއްވެތޯ އެވެ.

މޯދީ އަށް މަލާމާތްކުރި މައްސަލައިގައި ސަރުކާރުން އިއްޔެ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑްކޮށްފަ އެވެ. މިމައްސަލާގައި އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ އިންޑިއާ އަށް އެތެރެ ނުވެވޭ ގޮތް އެގައުމުގެ ސަރުކާރުން ހަދާފަ އެވެ.

އިންޑިއާ އަށް މަލާމަތް ކުރި 3 ޑެޕިއުޓީ މިނިސްޓަރުން (ކ-ވ) ޝިއުނާ، މަހްޒޫމް އަދި މަލްޝާ.

މޯދީއަށް މަލާމާތްކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތަކުން ކުރި ޓްވީޓުތަކުގެ މައްސަލަ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

އިންޑިއާގެ ބޮޑެތި މީޑިއާތަކާއި ބޮލީވުޑުގެ ފިލްމީތަރިން ވެސް އަންނަނީ ރާއްޖެ ދަތުރުނުކުރާން ހިތްވަރުދެމުންނެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރި މައްސަލަ ސޯޝަލް މީޑިއާ އިން ފާހަގަވެފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ސަރުކާރުގެ އިސް ބޭފުޅަކާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.