ސިޔާސީ ޕާޓީއަކުން ކޮންމެ ނިންމުމެއް ނިންމިޔަސް ޒަމީރު ގަބޫލުނުކުރާ ކަމެއް ނުކުރާނެ ކަމަށް މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ހުސެއިން ވަހީދު (ސީޕީ ހުސައިން) ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ މޭޔަރަކު އިންތިހާބުކުރުމަށް ވޯޓުލުން އޮންނާނީ މާދަމާ އެވެ.
ސަންގު ޓީވީއިން ސިލްސިލާކޮށް ކުރިޔަށްގެންދާ މާލެސިޓީ މޭޔަރުންގެ ބަހުސްގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު، މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވިދާޅުވީ، ސިޔާސީ ޕާޓީ އަކުން ކޮންމެ ނިންމުމެއް ނިންމިޔަސް ޒަމީރު ގަބޫލު ނުކުރާ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކުން ނުވަތަ ވަކި ސިޔާސީ ފިކުރަކުން ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިފައި ހުރީ މައިގަނޑު ދެ ފިކުރެއްގެ މައްޗަށް ބިނާކޮށްފައި ކަމަށާއި، އެއީ ބިނާކުރަނިވި ފިކުރާއި ފަނާކުރަނިވި ފިކުރު ކަމަށް ހުސެއިން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ޕަބްލިކް އޮފީހަކަށް ނިކުންނަ މީހެއްގެ ކިބައިގައި ވެސް އަސާސީ ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އަދި ޕަބްލިކު އޮފީހަކަށް ނިކުންނަ ކޮންމެ މީހަކީ އެމީހާ އެއްކޮށް ސިޔާސީ ޕެކޭޖެއް ހިފައިގެން އަންނަ މީހަކަށް ނުވުން އެއީ އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތެއް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
އަދި ހަމަ އެގޮތަށް އެމީހާ އަދާކުރަން ޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާކުރަމުން ދާއިރު އެހެން ކަމަކާއި ދޭތެރޭ އެމީހަކު ވިސްނަންނުޖެހޭ ވަރުގެ މީހަކަށްވުން އެއީ ވަރަށް މުހިއްމުކަމެއް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަމަށް ނިކުންނަވާއިރު ޕާޓީއަށްވުރެ ގައުމާއި ރައްޔިތުން އިސްކުރުމުގެ މުހިއްމުކަމަށްވެސް ހުސެއިން ވަނީ އަލިއަޅުވާލާފަ އެވެ.