ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ގާއިމްކޮށްދޭނެކަމުގެ ޔަގީންކަން ރީޖަނަލް އެއާޕޯޓްސް ކޮމްޕްނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ދެއްވައިފި އެވެ.
އާރުއޭސީއެލްގެ ތިން ވަނަ އަހަރީ ދުވަހާ ގުޅިގެން މުބީން ވަނީ އެ ކުންފުނިން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކޮށް، އެ އެއާޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހާ ހިދުމަތްތަކެއް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މީގެ އިތުރުން މުބީން ވިދާޅުވީ އެ ކުންފުނި އުފައްދައި ކުންފުންޏާއި އެއާޕޯޓްތައް ހަވާލުކުރެވުނުއިރު އޮތީ ވަރަށް ވެސް ދަށް ހާލަތެއްގައި ކަމަށާއި ނަމަވެސް މިއަދު އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއާޕޯޓްތައް ފައްތައި، ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްގީކޮށް، އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވި، ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް ފުޅާ ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، މިއަދާ ހަމައަށް ވެސް އެކުންފުނިން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ތެރެއިން ބައެއް އެއާޕޯޓްތަކުގައި ނަމާދު ކުރާނެ ކޮޓަރި، މައިންނަށް ބޭނުންވާ ކޮޓަރި، ކެފޭ ނުވަތަ ޓަކް ޝޮޕެއްގެ ހިދުމަތް ފަދަ އަސާސީ ވަސީލަތްތައް ނެތްކަން ވެސް މުބީން ފާހަގަކުރެއްވި އެވެ. އަދި މި ފަދަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން މުބީން ވަނީ އަރުވާފަ އެވެ.
އާރްއޭސީއެލް އަކީ 11 ޖެނުއަރީ 2021 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ 100 ޕަސެންޓް ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މި ކުންފުނި އުފައްދުމުގެ އެންމެ މައިގަނޑުއެއް އެއް މަގުސަދަ ސަރުކާރުން ހިންގާ އެއާޕޯޓުތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއ،ި އެއާޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ.
އާރުއޭސީއެލް އިން އަންނަނީ ރާއްޖޭގެ ހަޑޮމެސްޓިކް އެއާޕޯޓެއް ހިންގަމުންނެވެ. އެއީ ހޯރަފުށި އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ފޮނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް އަދި ފުވައްމުލަކު އެއާޕޯޓް ގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް އޮޕަރޭޓް ކުރަނީ އެ ކުންފުނިންނެވެ.
މި ކުންފުނީގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިމަގު އުޖާލާ، ސަރުކާރަށް ފައިދާވާ އަދި ރައްޔިތުންނަށް އިތުބާރު ހިފޭ ހިތްގައިމު ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވުން ކަމަށް އާރްއޭސީއެލް އިން ބުނެ އެވެ.