މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ތިން މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި ވޯޓުލާފައި ވަނީ އެންމެ 17،008 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކަށް ބަލާ އިރު، މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން ތިއްބެވެ. އޭގެ ތެރެއިން ވޯޓުލީ %31.84 މީހުންނެވެ.

އެހެންކަމުން ބައި އިލެކްޝަންގައި ވޯޓު ނުލާ ތިބި މާލޭގެ ރައްޔިތުންގެ އަދަދު 37،672 އަށް އަރަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ. އާޒިމަށް މި ބައި އިލެކްޝަންގައި 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،343 ވޯޓު ލިބިވަޑައިގެންނެވި އިރު، ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގަތެވެ.

މި ބައި އިލެކްޝަންގައި ބާތިލް ވޯޓުގެ ގޮތުގައި 402 ވޯޓު ކަނޑައަޅާފައިވެ އެވެ.

ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކޮށްފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.