ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވީ ޔުގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނާމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މިނިސްޓަރު ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖައިޝަންކަރް އާ އެކީގައި ބައްދަލުވުމެއް ބޭއްވުނީތީ އުފާ ކުރައްވާ ކަމަށެވެ. މި ބައްދަލުވުމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ގޮތުން ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޮމިޓީގެ މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމުގައި އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އިންޑިއާ އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުންނާއި ނާމް ސަމިޓާއި ސާކް ސަމިޓާ ގުޅޭ މަޝްވަރާތައް ވެސް ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރަން ވެސް މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.