ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކާމިޔާބު ކުރެވިދާނެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ކަމަށްވާ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް 15 މާޗަށް ސަރުކާރުން ނޯޓިސް ދިން ކަމަށް ބުނާއިރު، އިންޑިއާގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައިވާގޮތުން ސިފައިން އަނބުރާ ފޮނުވާލެވޭނެ ތާރީހެއްގެ ވާހަކަ ނުދެކެވޭ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނާ ވާހަކަތައް ހަމަޖެހޭތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކުރިއަށްގެންދަން ޖެހޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމުގެ ދަލީލެއް ފެންނާކަށް ނެތް ކަމަށެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ބައްދަލުވުމުގައި ޑރ. ޖަމީލް ވާހަކަފުޅުދައްކަވަނީ ---

މިރޭގެ ބައްދަލުވުމުގައި ޔާމީން ވަނީ ރޯދަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާތީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި ރޯދަ މަސް ނިންމާލުމަށްފަހު، ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އިންތިހާބު ނުބޭއްވެނީތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.