އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އަދި އަދުގެ ސަރުކާރުން ވެސް ނުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ އިސްކޮށް އުޅުނު ފަރާތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރައީސް ސޯލިހުގެ ސަރުކާރުން މިނިވަން ކޮށްފައިވާ ކަމަށެވެ. މިކަމުންވެސް އޭރުގެ ސަރުކާރުން މި ފައިސާ ހޯދުމުގެ ވިސްނުން ނެތްކަން ހާމަވެގެންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވެސް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފެނޭތޯ އެ ސަރުކާރުން ވެސް މި ސަރުކާރުން ވެސް އެންމެ ލާރި ފޮއްޗެއް ވެސް ހޯދަން އުޅޭތަން...އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ތެރޭގައި ޒީރޯ ޓޮލަރެންސްގެ ކޮރަޕްޝަން ވިދާޅުވިއިރު އެންމެ ލާރި ފޮއްޗެއް އެ ގެއްލުނު ލާރިން ވައްދައިފަ ނެތް.." ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތަފްސީލުތައް އެބަހުރި ކަމަށާއި އެ އިދާރާތަކަށް އެ ފައިސާ ނުހޯދިގެން އުޅޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެން ޖެހޭ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް ސޯލިހު ހުރިހާ ކަމަކަށް ވެސް ދެއްވާނީ ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވީ ނަމަވެސް އެމްއެމްޕީއާރްސީ މައްސަލައިގައި އެކަން ކުރައްވާފައިނުވާކަމަށް ރައީސް ޔާމީން ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އިންތިހާބު ދުވަސްވަރު މި ސަރުކާރުން ވެސް އެ ވާހަކަތައް އަޑުހަރުކޮށް ދެއްކެވިކަމަށާއި މިއަދު އެއްވެސް ވަރަކަށް އެ ވާހަކަތައް ދައްކަވާ މަންޒަރެއް ނުފެންނަ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.