ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ހުރަސްއަޅަމުން އަންނާތީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ރޭ ކުރިޔަށް ގެންދެވޭ ގޮތް ނުވުމުން މިއަދު ވެސް ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ހެނދުނު 11 ޖަހާއިރު ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެކަންޏެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފަ އެވެ. އެއާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އިއްޔެ ހެނދުނު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ގެންދިޔަނުދީ ހުއްޓުވާފަ އެވެ. އަދި އޭގެފަހުން ރޭ ޖަލްސާ ބާއްވަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާއިރު އެމްޑީޕީން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ. އެމްޑީޕީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސްއިން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 23 މެމްބަރުންގެ ސޮޔާއެކު އެވެ. މީގެތެރޭގައި ޕީއެންސީ އާއި އެމްއެންޕީ އަދި އެމްޑީއޭގެ މެމްބަރުން ހިމެނެ އެވެ.