ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން، މަޖިލީހުގެ ނިންމުމަށް ގޮންޖަހައި، އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އަރުވައިފި އެވެ.

އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުނެ މިއަދު ރުހުން ނުދިނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. ނަމަވެސް ރައީސް މުއިއްޒު މިރޭ ވަނީ އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވައި، ފަތްކޮޅު އަރުވައިފަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދެވެ.

ބަންޑާރަނައިބުގެ ހައިސިއްޔަތުން ޖޭއެސްސީ އަށް ވެސް އުޝާމް ވަނީ އައްޔަންކުރައްވައިފަ އެވެ.

އުޝާމާއި ޝަހީމް އަދި ހައިދަރަށް މަޖިލީހުން ރުހުން ނުދިން

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އެބޭފުޅުން ކުރިން ތިއްބެވި މަގާމުތަކަށް އައްޔަންކުރުމާ އެކު އަލުން ރުހުން ހޯދުމަށް ހަތް ދުވަސްތެރޭ މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މަޖިލީހުން ރުހުން ނުދީ ފޮނުވާލި ވަޒީރުންތަކެއް އަލުން މަގާމުތަކަށް އައްޔަން ކުރުމަކީ ރައީސް މުއިއްޒު މަޖިލީހަށް ކުރެއްވި މަލާމާތެކެވެ.