އެމެރިކާއާ ރާއްޖޭގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
ދެ ގައުމުން މި މަޝްވަރާތައް ކޮށްފައި މިވަނީ އެމެރިކާއިން ސައުތު އެންޑް ސެންޓްރަލް އޭޝިޔާއަށް ކަނޑައަޅާފައިވާ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ މިހާރު ރާއްޖެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނާލްޑް ލޫއާއި ބައްދަލު ކުރައްވާ މި މަޝްވަރާތައް ކުރައްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިނިސްޓަރު ޒަމީރު ވަނީ ލޫއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ބައްދަލުވުމާއި ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ޒަމީރު ވިދާޅުވީ ލޫއާއި ބައްދަލުވުމުން ވަރަށް އުފާވާ ކަމަށާއި, ބައްދަލުވުމުގައި އެމެރިކާއާ ރާއްޖޭގެ މެދުގައި އޮތް ބަދަހި ގުޅުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
އެގޮތުން ރާއްޖެ އާއި އެމެރިކާގެ ދެމެދުގައި ދިފާއީ ދާއިރާ އާއި މޫސުމީ ބަދަލުތަކާއި އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރަށް ހަރުދަނާކުރުމާ މެދު މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ތެރެއިން ރާއްޖެ އާއި އެމެރިކާގެ މެދުގަައި އޮތް ގުޅުން އިތުރަށް ފުޅާވެ ކުރިއަރަމުން އަންނަ ކަމަށެވެ. އެހެންވެ އެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރަން ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ
ލޫ ރާއްޖެއަށް ވަޑައިގެންފައި މިވަނީ އިންޑިއާގައި އޮތް ޔޫއެސް-އިންޑިއާ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެވެ.