ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާގެ ތަހުގީގު ފުރިހަމަ އަށް ހިނގާކަން ކަށަވަރު ކުރުމަށް އެ މައްސަލަ ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ޝަމީމަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރުކޮށްދިނުމަށް 241 ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަމީމަށް މިއަދު ހަމަލާދީފައިވަނީ ފަތިހުން ފެށިގެން އޭނާގެ ހަރަކާތްތަކަށް ފާރަލުންދިޔަ ދެ މީހެއް ކަމަށްވެ އެވެ. ހަމަލާދީފައިވަނީ އެ ދެ މީހުން ސައިކަލެއްގައި ގޮސް މަރުތޭލެއް ބޭނުންކޮށްގެންނެވެ. ޝަމީމަކީ ފަތާށާއި ދުވަން އާންމު ގޮތެއްގައި އެކަނިމާއެކަނި ވަޑައިގަންނަވާ ބޭފުޅެކެވެ. ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށެވެ. އޭނާ އަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށީގެ ތިރީގައި ވަނީ ރެނދުލައިފަ އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.