ޕީޕީއެމް. ޕީއެންސީން ފެށި އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އުވާލުމާ ގުޅޭގޮތުން ވާހަކަދައްކަން ރައީސް އޮފީހުން ބޭނުމެއް ނުވި އެވެ.

ރައީސް އޮފީހުން މިކަން ހާމަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން މައުލޫމާތެއް ހޯދަން އެދުމުން ދިން ޖަވާބުގަ އެވެ.

"ހުރިހާ" އިން ކުރި ސުވާލަކީ އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ނެރެފައިވާ ގަރާރު ބާތިލްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވޭތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 31 ވަނަ މާއްދާގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރުގެ ދަށުން މިވަގުތު ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.

އެ މާއްދާގައި ވަނީ "އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެއެވެ،" މިފަދައިންނެވެ.

އެ މާއްދާގެ އެއް ވަަނަ ނަންބަރުގައި ވަނީ "ނަތީޖާ ހާސިލުކުރެވޭ ގޮތެއްގައި ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭ ފަދަ މައުލޫމާތު" މިފަދައިންނެވެ.

ދެވަނަ ނަންބަރުގައި ވަނީ "ސިޔާސަތަކަށް އަމަލުކުރުމުން ލިބެން އޮތް ފައިދާ، އެ މައުލޫމާތެއް ހާމަކުރުމުގެ ވަގުތަށް ވުރެ ކުރިން ހާމަކޮށްގެން، އެ ސިޔާސަތަށް އަމަލުކުރުމުން ލިބެން އޮތް ފައިދާއަށް އުނިކަން އަންނަ ފަދަ މައުލޫމާތު" މިފަދައިންނެވެ.

އަންނަ މަހުގެ 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލައި އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް ދުއްވަން ޔުނީފޯމް ނާޅާ އެ ގައުމުގެ ސިވިލިއަނުން ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.