ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ މައްސަލައިގެ ނޯޓިސް މިއަދު އަސްލަމް އާއި ސަލީމަށް ފޮނުވާފައިވާ ކަމަށެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރެއްގެ ސޮޔާއެކު މަޖިލީހަށް މިދިޔަ މަހު 28 ގައި ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ އެ ދެބޭފުޅުން ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައި ވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭނެ އެވެ. އަދި އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރަންޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބުވެވަޑައިގެންނެވީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުވެވަޑައިގަތީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ އެކު މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާއިރު ސަރުކާރަށް ތާއިދު ކުރައްވާ ތިބީ 30 މެންބަރުންނެވެ.