ތަހުގީގަށް ހައްޔަރުކޮށްފައި "ވާނުވާ" ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށާއި ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖުތަމައުއަށް ގެނައުން ކަމަށެވެ. އަދި ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކޮށް ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް އެއީ އޯގާވެރިކަމާއެކު އިސްލާކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކިއެކި ކުށްތަކުގެ ތަހުގީގުގައި، "ވާނުވާ" ގައި، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.

އެގޮތުން އެކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށްޓަވާނެ ކަމަށާއި ރައްޔިތުންގެ މަޖލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖުލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ފޯރާ ވަރު ހަނިކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރުމަށް ފަހު، ގައުމާ މުހާތަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އެ ދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ (ފޮޓޯ/މަޖިލިސް)

"ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ ތެރޭގައި ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއަރ ބިލާއި، ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހިމެނޭ" ރައީސް ވިދާޅުވި އެވެ.

ރައީސް ދެން ފާހަގަކުރެއްވި ބިލުތަކުގެ ތެރޭގައި ޓްރެވެލް އެޖެންސީއާ ބެހޭ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި، އާބަން ޕްލޭނިންއާ ބެހޭ ބިލް އަދި އާބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލުގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާ ބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާ ބެހޭ ބިލުވެސް ހިމެނެ އެވެ.

އޭގެއިތުރުން ކޮޕީރައިޓާއި ގުޅޭ ބިލަކާއި ބިމާބެހޭ ގާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅާ މަޖިލީހުގައި މިހާރު އޮތް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖިލީހުގައި މިހާރު އެދިފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.