އޮފީހުން އައުމަށްފަހު ނިދިގަނޑެކެވެ. ގޭގައި ބުރަކޮށް މަސައްކަތެއް ކޮށްފިއްޔާ އެއަށްފަހު ނިދިގަނޑެކެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ކަށީގައި ހިފާފައިވާ ހުންނަ އާދަ އެކެވެ. ސުވާލަކީ މިގޮތަށް އިރުއިރުކޮޅުން ނިދުމަކީ ކޮންކަހަލަ ކަމެއްތޯ އެވެ.

މިކަމާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުންނަމަ ނިދާފައި އޮންނަ ވަގުތު 30 މިނެޓަށް ވުރެ މަދުވުމަކީ އެކަމުގެ ސަބަބުން ހުރިހާ ވައްތަރެއްގެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެކެވެ.

ޖުމްލަ 3،13،615 މީހުން ބައިވެރި ކޮށްގެން ތަފާތު 20 ދިރާސާއެއްގެ ތެރެއިން ހިމެނޭ މި ދިރާސާގެ ރިޕޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 39 އިންސައްތަ މީހުންނަކީ ދުވާލުގެ އެކި ވަގުތު ތަކުގައި "ނެޕް" ނަގާ މީހުންނެވެ.

މި ދިރާސާގ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނިދިން އަވަސް އަވަހަށް ހޭލާނަމަ އެމީހަކަށް ހިތުގެ ތަފާތު މައްސަލަތަކުގެ ނުރައްކާ ބޮޑުވާ މިންވަރު 34 ޕަސެންޓަށް ވުރެ މަތިވެ އެވެ.

މީގެ އިތުރުން ގަވާއިދުން މި އާދަ ގެންގުޅޭނަމަ ދިގު މުއްދަތުގައި ތިބާގެ ނިދުމަށް ނޭދެވޭ އަސަރު ކޮށް ނިދަން އުނދަގޫވާނެ ކަމަށް ވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.