މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އެމްޑީޕީން މޯލްޑިވިއަންއިން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ އެއާލައިނުން ކޯޓަށް ދާނޭ ކަމުގެ ނޯޓިސް އެމްޑީޕީއަށް ދީފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ބުނީ އެމްޑީޕީގެ ބޭނުންތަކަށް އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓުތަކަށް 5،629،861 ރުފިޔާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ބިލްތަކަށް ފައިސާ ނުލިބޭ ކަމަށެވެ. އެ ގޮތުން ފައިސާ ލިބިފައި ނުވަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ތެރޭގައި ކޮށްފައިވާ 10 ދަތުރެއްގެ ފައިސާ ކަމަށް އެކުންފުނިން ބުނެ އެވެ. އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއާއެކު އެއްބަސްވެފައިވަނީ ޚިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ އެ ފައިސާ މި މަހުގެ 18ވަނަ ދުވަހުގެ 1600ގެ ކުރިން ނުދައިކައިފިނަމަ ނުލިބި ހުރި ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް އެމްޑީޕީއަށް އަންގާފަ އެވެ.

މީގެ ކުރިން ޑީއާރުޕީން ވެރިކަންކުރި ޒަމާނުގައި ވެސް އެ ޕާޓީން ރިޔާސީ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ފައިސާ ނުދައްކައިގެން ވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވި އެވެ.