ސުޕްރީމް ކޯޓުން ފުރަތަމަ ބަލަންވީ، ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ގަނެގެން ގެންދިޔަ މައްސަލަތައް ނޫނީ ގާނޫނީ ހުވައެއްގެ މަތީގައި ތިބި މެމްބަރުންތައް މަގާމުގެ ބޭނުމަށް އިސްތިއުފާ ދިން މައްސަލަ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ބެލުމުގައި ބަލާނީ 87 ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ހުންނެވި އަސްލަމް އެދިވަޑައިގަތީ މެމްބަރުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

ކޯރަމް ބެލުމުގައި ބަލާ ޖުމްލަ އަދަދަށް އިސްލާހު ގެނެސްފައި ވަނީ އާ ސަރުކާރާ ގުޅުމަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަވައިދުގެ އިސްލާހު ހިމެނޭހެން ގެނައި އެ ބަދަލު ގާނޫނުއަސާސީއާއި ހިލާފުކަމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރެއްވި އެ އަމުރުގައި ވަނީ ހުސްވި ދާއިރާތަކުގެ ގޮނޑި ހިމަނައިގެން ކޯރަމް ގުނުމަށެވެ.

މި އަމުރަށް މިއަދު މަޖިލިސް މެމްބަރުން ވަނީ ނުސީދާ ގޮތެއްގައި، އަދި ފާޅުކަންބޮޑު ގޮތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ރިޔާސަތުގެ ހުށަހެޅުމުގެ ބަހުސް މަރުހަލާގައި މާފަންނު މެދު ދާއިރާގެ މެމްބަރު ބޮންޑެ ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދާ މެދު ކޮމިޓީން ގޮތެއް ނިންމައި ތަޅުމުން ފާސް ކުރީ ވަޒީރުކަމާއި ހެދި ފެންބޮވައިގަނެފައި ތިބި މެމްބަރުންތަކެއް ދެއްވި އިސްތިއުފާގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި، ދައިރާގެ ތަރައްގީއަށް ބޮޑެތި ވައުދުތަކެއް ވެގެން އައި މެމްބަރުންތަކެއް ހުވައާއި ވެސް ހިލާފުވެ އިސްތިއުފާ ދިނުން މާގޯސް ނޫން ތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ބޮންޑެ ވިދާޅުވީ ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ސަރުކާރުން މެމްބަރުނަތަކެއް ގަނެލައި ރިޝްވަތުގެ ފައިސާ ދީގެން ޕާޓީއަކަށް ގެންދިޔަ ވާހަކަތައް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވެސް މިފަދަ މައްސަލަތައް ބެލުން މާ ރަނގަޅު ނޫންތޯ އޭނާ ސުވާލު ކުރި އެވެ.

"ދެން ކިހިނެއްތޯ ވީ، 13 މެމްބަރުންކަން 14 މެމްބަރުންކަން ނޭނގެ، ގަނެލައިފިޔޭ އެބަކިޔާ.. ރިޝްވަތު ދީގެން.. ފުރަތަމަ ސުޕްރީމް ކޯޓުން ބަލަންވީ، ނަގަހައްޓަންވީ ރައްޔިތުންގެ ހައްގު.. ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައެއް ނުގަނެވޭނެ ސަރުކާރުން… ދެން އަންނަ މަޖިލީހަކުން 13 މެމްބަރުން ހަމަ ގަނެލަންވީ،" ބޮންޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި އިހަށް ދުވަހާ ޖެހެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ހުޝާމް ވެސް ހުންނެވި ކަމަށެވެ.

މެމްބަރުކަމުން އިސްތިއުފާ ދެއްވި އުޝާމަށް އަމާޒުކޮށް ރަޝީދު ވިދާޅުވީ އޭނާ ވެސް މެމްބަރުކަމުގެ ހުވާގައި ދައުރު ނިމެންދެން ހުންނާނެ ކަމަށް ވައުދުވި ކަމަށެވެ. އެހެން ނަމަވެސް މަގާމުގެ ބޭނުމެއްގައި ގޮސް ހުންނެވިއިރު މިހާރު އެއީ ރުހުން ވެސް އޮތް ބޭފުޅެއް ނޫން ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ދެން ބަންޑާރަ ނައިބު ހުރީ، ހަމަ މިތާނގަ ހުރީ.. ދައުރު ނިމެންދެން ހުންނާނެ ކަމަށް މާތްﷲ ގަންދީ ހުވައެއްކޮށްގެން.. ފުރަތަމަ އެކަމެއް ނޫންތޯ ސުޕްރީމް ކޯޓުން ބަލަންވީ.. ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވާކަށް ނޫން ޖެހޭނީ.. އަދި ރުހުން ވެސް ނުދޭ މީހެއް.. ރުހުން ވެސް ނުދޭ މީހެއް ގޮސް.. ބަންޑާރަ ނައިބޭ، ދައުލަތޭ އެބަ ކިޔާ.. ދައުލަތް އެބަ ދައްކާ އެކި ސިފަ ސިފައިގަ.. އާޒިމާ ޝަކުރު ވެސް ދައުލަތެއްގެ ސިފައިގައި ދެއްކި.. ދެން ހުރި މީހެއް ވެސް ދައުލަތެއްގެ ސިފައިގައި ދެއްކި،" އޭނާ ވިދާޅުވި އެވެ.

ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވާއިރު، ސަރުކާރުން އެތައް ރައްޔިތުންނެއްގެ ހައްގު ނިގުޅައިގަތުމުން މަޖިލީހުގެ މަސައްކަތްތައް ދެން ކުރިޔަށް ގެންދަންވީ ކިހިނެއްތޯ ރަޝީދު ސުވާލު އުފެއްދި އެވެ.

އޭނާ ވިދާޅުވީ އެކަމުގެ މައްޗަށް ވެސް ސުޕްރީމް ކޯޓުން އަމުރު ނެރެދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި އަމުރުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަމުން އައިސްފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަން ވާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އާންމު މަސްލަހަތު ދެމެހެއްޓުމަށް ނެރުނު ވަގުތީ އެ އަމުރުގައި ވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީން ސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމަށެވެ.