މަސްވެރިން އަޑުގަދަކޮށްފައި އެ ދައްކާ ދެތިން ސަތޭކަ މިލިއަން ރުފިޔާގެ ވާހަކައަކީ އެމީހުނަށް ސަރުކާރުން ހިލޭ ދޭންބުނި އެހީއެއްގެ ވާހަކައެއް ނޫނެވެ.
އެ ދައްކަނީ އެ މީހުންގެ އަތުން މަސް ގަތުމަށް ފަހު ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ވާހަކަ އެވެ. އެމީހުނަށް ދަރާ އޮތް ބޮޑު ދަރަންޏެއްގެ ވާހަކަ އެވެ. އެ ވާހަކަ ގުޅެނީ އެތައް ސަތޭކަ އާއިލާއެއްގެ ދުވަހުން ދުވަހަށް ފުއްދަން ޖެހިފައިވާ ޒަރޫރީ ބޭނުންތަކާ އެވެ. ކެއިން ބުއިމާއި އަންނައުނާއި ބޭސްފަރުވާ ކުރުން ފަދަ އެންމެ އަސާސީ ބޭނުންތައް ފުއްދެން އެ މީހުނަށް އޮތީ އެ ފައިސާ ކޮޅު ދީގެންނެވެ. އެ މީހުން ޝަކުވާ ކުރަނީ އެ މީހުންގެ ހައްގަކަށް ސަރުކާރުން އަރައިގެންފައިވާތީ އެވެ. ކަނބޮޑުވުމަކީ އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގައި ވައުދުވި ސަރުކާރުން ވައުދާ ޚިލާފު ވަމުން ގެންދާތީ އެވެ.
މަސްވެރިންނަށް އަދާކުރަން ޖެހިފައިވާ ދަރަނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސަރުކާރުން ދައްކާ ބަހަނާ އަކީ ފައިސާ ނެތްކަމުގެ ބަހަނާ އެވެ. ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ހާލެއްގައި ސަރުކާރުގައި ފައިސާ ހުރެ މަސްވެރިންނަށް ނުދީ ނުތިބޭނެ ކަމަށެވެ.
މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭން ޖެހޭ ފައިސާ ދެވޭފަދަ ފެންވަރެއް ސަރުކާރުގައި ނެތް ކަމުގައި ވިޔަސް ރައީސް މުއިއްޒު ގެންދަވަނީ ކެމްޕޭނާ ދިމާކޮށް ބޮޑެތި ކަންތައް ކޮށްދެއްވާނެ ކަމުގެ ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. މި ވަގުތު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގައި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލު ކުރައްވައި އެ ކައުންސިލްތަކުން ބޭނުންވެގެން އެދުނު ކޮންމެ ކަމެއް އެ އެދޭ ފެންވަރަކަށް ވުރެ ފުރިހަމަކޮށް ކޮށްދެއްވާނެ ކަމުގައި ގެންދަވަނީ ވިދާޅުވަމުންނެވެ.
އައްޑު އަތޮޅުގައި ބްރިޖެކެވެ. ފުވައްމުލަކުގެ އެއާޕޯޓު ބޮޑުކޮށް ހުރިހާ މަގެއްގައި ތާރު އަޅައި ޓާޝަރީ ހޮސްޕިޓަލެކެވެ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެކެވެ.
އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު ވައުދުތަކުގެ އާބުރެއް ކުރިޔަށް ގެންދަވާއިރު ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކެއް ނުފުއްދެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް ކާޑު ބޭނުން ކޮށްގެން ރާއްޖެއިން ބޭރުގައި މުއާމަލާތު ކުރެވޭ މިންވަރު އިތުރު ކޮށްދެއްވުމަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ކޮށްދެއްވާނެ ކަމުގައި ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ވެވޑައިގެންނެވި ވައުދެކެވެ. ވެރިކަމަށް ވަޑައިގެން އެ ވައުދު ފުއްދެވުމަށް އުޅުއްވި އެވެ. އެކަމަށް ބޭންކުން އެއްބާރުލުން ލިބިވަޑައިނުގެންނެވުމުން ބޭންކުގެ ބޯޑަށް ސަރުކާރުން އައްޔަން ކޮށްފައި ތިބި މެންބަރުން ވަކި ކުރެއްވި އެވެ. އެހެން ނަމަވެސް ބޭންކުގައި ފައިސާ ނެތި ކާޑު ލިމިޓު އިތުރު ކުރުމަކީ ވާނޭ ކަމެއް ނޫން ކަމުގައި ބޭންކުން ބުނަމުން ދިޔަ ވާހަކަތައް ބަދަލު ނުވުމުން ވަކިކުރި މެންބަރުން އަލުން ވަނީ ބޯޑަށް އައްޔަން ކޮށްފަ އެވެ. ސަރުކާރުގެ މާލީ ކެރިފޯރުންތެރިކަމާއި ރާއްޖޭގެ މިއީ އިގުތިސާދީ ހާލަތު ރައީސަށް ވަޒަން ނުކުރެވޭކަން ހާމަވި ގިނަ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދާ ނުދެވިގެން އުޅޭ ސަބަބަކީ އެ ވައުދުތައް ފުއްދައިދިނުމަށް ބޭނުންވާ ފައިސާ ނެތުމެވެ. ސަރުކާރުން ޚަރަދު ކުރުމަށް މި އަހަރަށް ލިބިފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓަކީ ވަރަށް ބޮޑު ޑެފިސިޓެއް އޮތް ބަޖެޓެކެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖައްސަން ނިންމާފައި އޮތީ އެކި ނަންނަމުގައި ބޭރުންނާއި އެތެރެއިން ލޯނު ނަގައިގެންނެވެ.
ދާދި ފަހުން އިންޑިއާ އިން ނަގާފައި އޮތް ބޮންޑަކަށް ދައްކަން ޖެހުނު ދަރަނި ދެއްކީ ބޭންކް އޮފް މޯލްޑިވްސް އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އެއް ލޯނު ދައްކަން އަނެއް ލޯނު ނެގުމާއި ބަޖެޓު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމުގައި އުންމީދު ކުރި ކަމަށް ވިޔަސް އެ ފައިސާ ވެސް ނުލިބި ބޭރުން ލޯނު ނަގަން ވެސް ދަތި ވުމުން ރާއްޖޭގެ ބޭންކުތަކުގައި ހުރި ފައިސާ ސަރުކާރަށް ލޯނުގެ ގޮތުގައި ދޭން މި ވަގުތު އޮތީ މަޖުބޫރުވެފަ އެވެ. އެ ބުރައިގައި ބޭންކުތަކަށް ބޭނުންވާ ވިޔަފާރީގެ މުއާމަލާތްތައް ހިންގައި ރާއްޖޭގެ އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވެވޭ ފަދަ ކުޅަދާނަކަން އަންނަނީ ކުޑަވަމުންނެވެ.
ސަރުކާރުގެ މާލީ ހާލަތު އޮތް ގޮތުގެ ވާހަކަ ދައްކަވަމުން ދާދި ފަހުން ރައީސް ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި ސަރުކާރުގެ ދަތުރުތައް ރާއްޖެއިން ބޭރަށް ނުކުރާ ގޮތަށް ނިންމަވާފަ އެވެ. އެކަމަކު ވެރިކަމަށް ތިން މަސްވި އިރު ސަރުކާރުން ވަނީ މަތީ ފެންވަރުގެ ވަފުދުތަކާ އެކު ރާއްޖެއިން ބޭރަށް އެތައް ދަތުރެއް ކޮށްފަ އެވެ. ދާދި ފަހުން ދުބާއީގައި ރާއްޖެއިން އިންތިޒާމު ކުރި އިކޮނޮމިކް ފޯރަމަށް ވެސް ބިޔަ ވަފުދެއް އެގައުމަށް ގެންދެވި އެވެ. އެ ދަތުރުގެ ސާފު ޚަރަދު ސީދާ ތިލަ ނުވި ކަމުގައި ވިޔަސް މަސްވެރިންނަށް ދޭންޖެހިފައި އޮތް ލާރިކޮޅު ދައްކާ ނިންމޭވަރު ވާނެ ކަމަށް ބެލެވެ އެވެ.
ރިޔާސީ އިންތިޚާބަށްވި ވައުދުތައް ނުފުއްދި އޮތަސް ކުރިޔަށް އޮތް އާންމު އިންތިޚާބަށް ބޮޑެތި ވައުދުތައް ސަރުކާރުން ވަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ ބޭނުމުގަ އެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އިތުރު ވައުދުތަކެއްގެ ވާހަކަ ނުދައްކައި ސަރުކާރަށް ފަސޭހަކަމާ އެކު ފަސް އަހަރު ދުވަހު ދެމިއޮވެވޭނެ ކަމުގައި ބަލައިފަ އެވެ.
އަސްލު ކުރަންވީ ކަމަކީ ސަރުކާރުން މަސްގަތުން ހުއްޓާލުން، އެއަށްފަހު ޕްރައިވެޓްކޮށް މަސްގަންނަ ބަޔަކު ތިބިއްޔާ ދޫކޮށްލަންވީ، ނެތިއްޔާ މަސްވެރިން ބޭނުންގޮތަކަށް ލޮނު އަޅައިގެންނާއި، ވަޅޯކޮށްގެން ނޫނީ ހެދުނު އެއްޗެއް ހަދައިގެން ލާރި ހޯދަންވީ، ހީވާހަކަލަ ސަރުކާރު ދެމިއޮންނަނީ ހަމައެކަނި މަސްވެރިން ބާނާ މަހަށް އަގުދޭން އެކަންޏޭ، ތަރައްޤީގެ އެހެނިހެން ކަންކަންވެސް ކުރަންޖެހޭ، މަސްވެރިން ބާނާ މަސް ވިއްކޭނެ ގޮތެއްވެސް އޮންނަންޖެހޭ، މިހާރުކުރެވެނީ މަސްވެރިންގެ މަންފާއަށްކުރާ ކަމެއްނޫން.