ރޯދަ މަހު މަޖިލިސް އިންތިހާބު ބާއްވަން އުޅޭނަމަ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހިދާނެ ކަމަށް މަޖިލީހުގައި މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ބޭކާރު ހުއްޖަތެއް ކަމަށެވެ.

"އެހާ ސާފުކޮށް އޮތް ކަމެއްގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނު އެއީ ސަބަބެއް ކަމަށް ދައްކަވާފައި، އަސްލު ސަބަބެއް ނުވެސް ނެތް މިކަމުގައި، މިކަން ކުރިއަށް ގެންދަވާ ކަމުގައި ވަނީ ނަމަ ދެން އޮތް ގޮތަކީ އަޅުގަނޑުމެންނަށް އެބޭފުޅުންގެ މައްޗަށް އޮތް އިތުބާރު ގެއްލޭކަން ދެއްކުން ދެއްތޯ. އެމަގުން އެކަން ކުރަންވިޔަސް އަޅުގަނޑުމެން އެކަން ކުރާނަން،" ސަލީމް ވިދާޅުވި އެވެ.

ރޯދަ މަހު އިންތިހާބު ބޭއްވުން މަނާކުރާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް ތަސްދީގު ނުކުރައްވަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ބިލް އަވަހަށް ތަސްދީގު ކުރެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ރައީސް ބިލު ތަސްދީގު ކުރައްވާ ނަމަ މި މަހު 27 ގެ ކުރިން ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލިޔަސް ގާނޫނީ އަދަދު ހަމަކޮށް އަނެއްކާވެސް އެ ބިލް ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.