ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓުކުރާ ދެވަނަ ފިލްމު "ލަސްވިޔަސް"ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައި 'ދެރިޔާ'ގެ ޑައިރެކްޓަރު ޓެޑްރީގެ ދެ ވަނަ ފީޗާ ފިލްމު އޮލިމްޕަހުގައި އަޅުވަން ތާވަލްކޮށްފައި ވަނީ 12 އެޕްރީލްގަ އެވެ.

މިފިލްމުގެ 64 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާރު މިފިލްމުގެ ޓިކެޓް އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ފިލްމުގެ ޓިކެޓް ގަންނަން ލިބޭނީ މިފިލްމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެބްސައިޓް ކަމަށްވާ "ލަސްވިޔަސް ޑޮޓްކޮމް" އިންނެވެ. މިފިލްމުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 160 ރުފިޔާ އަށެވެ.

'ލަސްވިޔަސް'ގެ މަންޒަރަކަށް ތައްޔާރުވަނީ... ފޮޓޯ:އެޓާނަލް ޕިކްޗާސް

"ލަސްވިޔަސް" އަކީ ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ލަސްވިޔަސްގައި ހިމެނޭ ތަރިންނަކީ ކުރީގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި، އަހްމަދު އީސަ (އާނަންދު)އާއި، ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަންއާއި، ރީކޯ މޫސާ މަނިކު އަދި ވާޝިޔާ މުހައްމަދު އެވެ.

https://www.youtube.com/watch?v=NHXUl-bDXR0

ލަސްވިޔަސްގެ ޓީމުން ވަނީ ޓްރެއިލާގެ އިތުރުން ފިލްމުގެ ޕޯސްޓަރު އަދި ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުކޮށްފަ އެވެ. ޓެޑްރީގެ ފީޗާ ފިލްމެއް މީގެކުރިން ޑައިރެކްޓް ކުރީ މީގެ 30 އަހަރު ކުރިން "ދެރިޔާ" އެވެ. އެ ފިލްމަކީ އޭރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަދި ފިލްމު އެވޯޑްގައި ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ.