ރާއްޖެ އަކީ ކުޑަ ގައުމަކަށްވުމަކީ ބުލީކުރަން ލިބޭ ހުއްދައެއް ނޫން ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުސީދާކޮށް ފާޑުވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި، އިންޑިއާ އަކީ ބުލީކުރާ ގައުމެއް ނަމަ އަވައްޓެރިންނަށް 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ޖެނުއަރީ 13، 2024 ގައި އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމަކަށް ބުލީކުރަން (ގަނާކުރަން) ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓެގްރިޓީގެ އަސާސްއަކީ ޗައިނާ އިން އަޅުގަނޑުމެންނަށް އިހުތިރާމް އަދާކުރާ އަސާސެއް،" ޗައިނާ އަށް ތައުރީފް ކުރައްވައި، އިންޑިއާ އަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނިއު ދިއްލީގައި ފޮތެއް ނެރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާ އަކީ ބުލީކުރާ ގައުމެއްގެ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުން ދެކެމުންދޭތޯ މިނިސްޓަރާ މީހަކު ކުރި ސުވާލުގެ ޖަވާބުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އަކީ ބުލީއެއް ނަމަ އަވަށްޓެރި ގައުމުތަކުން އެހީބޭނުންވެފައިވާ ވަގުތެއްގައި 4.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްނުދޭނެ ކަމަށެވެ.

"ދުނިޔޭގެ މި ފަޅީގައި އެންމެ ބޮޑު ބަދަލެއް އަންނަމުންދަނީ އިންޑިއާ އާއި އެ ގައުމުގެ އަވަށްޓެރިންނާ ދެމެދު. އިންޑިއާ އަކީ ބުލީ ކުރާ ގައުމެއް ކަމަށް ބުނާ ނަމަ 'ބޮޑު ބުލީ'ގެ ފަރާތުން ގައުމުތައް ބޭނުމަށް ޖެހިފައިވާ ހިނދު 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ. ކޮވިޑުގެ ރޯގާ އެންމެ ވަރުގަދަވި އިރު 'ބިގް ބުލީ'ގެ ފަރާތުން ކޮވިޑް ވެކްސިން ފޯރުކޮށެއް ނުދޭނެ. އިންޑިއާގައި ހުރި ގަވާއިދުތަކުގެ ދަށުން ލުއި ހޯދައިގެން އަވަށްޓެރި ގައުމުތަކަށް ކާބޯތަކެއްޗާއި ތެލާއި ގަސްކާނާފަދަ ތަކެތި ފޯރުކޮށެއް ނުދޭނެ،" އެއްވެސް ގައުމެއްގެ ނަން ވިދާޅުނުވެ ޖައިޝަންކަރު ވިދާޅުވި އެވެ.

ނަމަވެސް ޖައިޝަންކަރުގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރައްވާފައި ވަނީ ރާއްޖެއަށެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ރާއްޖެ އަށް 4.5 ބިލިއަން ޑޮލަރުގެ އެހީދީފައިވާ އިރު ކޮވިޑުގެ ދުވަސްވަރު އިންޑިއާ އިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިނީ ރާއްޖެ އަށެވެ. އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތް ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް ވަނީ ފިޔާ އެކްސްޕޯޓް ކުރަން މަގުފަހިކޮށްދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދުގެ އެމްޑީޕީ ސަރުކާރާއި އިންޑިއާއާ ގާތްގުޅުމެއް އޮތް ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާއާ އެކު ގާތްގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.