އެމްއެންޑީއެފް އިން ވައިގެ ބާރެއް އުފައްދައި، އަސްކަރީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ފަށައިފި އެވެ.

"އެމްއެންޑީއެފް އެއާ ކޯ"ގެ ނަމުގައި އުފެއްދި ހާއްސަ ވިންގުގައި ހަރަކާތްތެރިވާ ސިފައިނަށް ވަނީ (އަންމޭން އޭރިއަލް ވެހިކަލް) ޔޫއޭވީ ބޭނުންކުރުމުގެ ތަމްރީނު ދީފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ މިއަދަކީ ދިވެހި އަސްކަރީ ތާރީހުގައި ވައިގެ ބާރެއް އުފެދިގެންދާ ދުވަސް ކަމަށެވެ. އަދި އެއާ ކޯ އުފެދިގެން ދަނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްއެންޑީއެފް އެއާ ކޯ" ތައާރަފު ކޮށްދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން އޮޕަރޭޓް ކުރަން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ހާއްސަ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެމްއެންޑީއެފްގެ އެއާކޯ އުފެއްދުމުގެ ގަރާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ސޮއިކުރައްވަނީ. ދިވެހި ސިފައިންގެ ވައިގެ ބާރުގައި ބޭނުންކުރާނީ ތުރުކީ އިން ގެނައި "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯނެއް. ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފް އިން އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެގެން ރާއްޖެ ގެނައީ އަސްކަރީ ތިން ޑްރޯން އެވެ. އެކަމަކު، އިތުރު ޑްރޯން ގެންނަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ދިވެހި ސިފައިންގެ ވައިގެ ވިންގު އިފްތިތާހުކޮށް އަސްކަރީ ޑްރޯން އޮޕަރޭޓް ކުރާނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ބޭސްގަ އެވެ.

އެމްއެންޑީއެފް އިން ބުނީ މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ކަމަށެވެ. ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ހިންގާނީ ކޯސްޓްގާޑާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އަދި ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ ގޮތުން ހިންގަން ޖެހޭ ސާޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފްގެ އެއާކޯ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހުކޮށްދެއްވަނީ. ދިވެހި ސިފައިންގެ ވައިގެ ބާރުގައި ބޭނުންކުރާނީ ތުރުކީ އިން ގެނައި "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯނެއް. ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފް އިން ބުނީ ގައުމީ ދިފާއީ ބާރުގެ އެއާ ކޯގެ ހިދުމަތަށް ގެނެސްފައި ވަނީ ތުރުކީގެ އުފެއްދުމެއް ކަމަށްވާ ބޭރެކްޓާ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އިތުރު ސިފައިން މިހާރު ވެސް ދަނީ ތުރުކީގައި ތަމްރީން ފުރިހަމަކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތައާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ދިފާއުކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދާ ހުރިހާ އޮޕަރޭޝަނެއްގައި ވެސް މި އުޅަނދުފަހަރު ބޭނުންކުރާނެ ކަމަށެވެ. އެހެންކަމުން ގައުމުގެ ދިފާޢާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި އޮޕަރޭޝަންތަކުގައި އަސްކަރިއްޔާގެ އެހެނިހެން ވަސީލަތްތަކެކޭ އެއްގޮތަކަށް ހާލަތާއި ގުޅުންހުރި ހުރިހާ ވަސީލަތްތަކެއް ވެސް އަދި ގާބިލްކަން ވެސް މި އުޅަނދުފަހަރުގައި ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑުތައް އިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް މި އުޅަނދުތައް ބޭނުންކުރާނެ އެމްއެންޑީއެފް އިން ބުނެ އެވެ.

ދިވެހި އަސްކަރިއްޔާއިން މި ޔޫއޭވީތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އެއްކުރާ ގިނަ މަޢުލޫމާތުތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ސިއްރު މައުލޫމާތެވެ. މިފަދަ މަޢުލޫމާތު އެއްވެސް ބަޔަކާ އެއްވެސް ގޮތަކަށް ހިއްސާ ނުކުރާނެ ކަމަށްއެމްއެންޑީއެފް އިން ބުނެ އެވެ. އަދި މިފަދަ މައުލޫމާތު އަބަދުވެސް ބޭނުންކުރާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ނަމަވެސް މިހާރު ވެސް އެމްއެންޑީއެފުން އަމަލުކުރަމުން އަންނަ އުސޫލުން ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ކާރިސާތަކުގަ އާއި ނުވަތަ ގާނޫނުތައް ތަންފީޒްކުރުމުގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ އާންމު މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެއާ ކޯގައި ޔޫއޭވީ އުޅަނދުފަހަރު އޮޕަރޭޓްކުރާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ކަމަށެވެ. މިވަގުތު މި އުޅަނދުފަހަރު އޮޕަރޭޓްކުރަމުން އަންނަ މާފަރަކީ ނޮދަން އޭރިއާ ކޮމާންޑްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވައިގެ ބަނދަރެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި މިހާރަށް ބަލާއިރު އެއާޕޯޓުތަކުގައި ގާއިމްކުރެވިފައިވާ ވަސީލަތްތަކަށް ބަލާއިރު މިއީ މިވަގުތަށް އެންމެ އައިޑިއަލް ލޮކޭޝަން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގައި ޔޫއޭވީ އޮޕަރޭޓްކުރާނީ ސިވިލް އޭވިއޭޝަން ގާނޫނާއި ގަވާއިދުތަކާއި އެމްއެންޑީއެފްގެ އުސޫލްތަކާއި ޚިލާފުނުވާނެ ގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިއީ ރާއްޖޭގެ ކޮމާޝަލް ފްލައިޓްތަކަށް ވެސް އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫން ކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެ އެވެ.